ރައީސް ޑރ. މުހައްމަދު މުއިއްޒާ ސީދާ ބައްދަލުކޮށް، އާންމުންގެ ޝަކުވާތައް ހިއްސާކުރަން ފަށާފައިވާ "ރައްޔިތުންގެ އަޑު" ގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އަށް ދާއިރާއަކަށް މިއަދު ހުޅުވާލައިފި އެވެ. 

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ ރައީސްއާ ބައްދަލުކޮށްލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވީހާވެސް ފުޅާކޮށް ދިނުމުގެ ގޮތުން ފަށާފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް މިހާރު ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 

ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން އެ ފުރުސަތު މިފަހަރު ހުޅުވާލާފައި ވަނީ ހެންވޭރު އުތުރު ދާއިރާ އާއި މިލަންދޫ ދާއިރާ އާއި ވެލިދޫ އާއި ތުޅާދޫ އަދި ފެލިދޫ ދާއިރާއަށެވެ. އަދި މުލަކާއި ނިލަންދޫ އާއި ގުރައިދޫ ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށް ވެސް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. 

އެ ބައްދަލުވުމުގައި ބައިވެރިވުމަށް ނަން ނޯޓުކުރަންޖެހެނީ ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ރައްޔިތުންގެ އަޑު ޕޯޓަލް މެދުވެރިކޮށެވެ. އެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. 

މީގެ ކުރިން ވެސް ވަނީ އެކި ދާއިރާތަކަށް ނަން ނޯޓުކުރުމަށް ހުޅުވާލައިފަ އެވެ. 

ރައީސްއާ ބައްދަލުކޮށް، ހިޔާލާއި ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރަން ސިލްސިލާ ބައްދަލުވުމުންތައް ފަށައި އޭގެ ތެރެއިން ބައެއް ބައްދަލުވުންތަކުގެ ވީޑިއޯ އަންނަނީ ދައްކަމުންނެވެ. މިއީ ކޮންމެ މީހަކަށް ވެސް  10 މިނެޓު ލިބޭ ބައްދަލުވުންތަކެކެވެ.

މި ފުރުސަތު އާންމުންނަށް ދޭން ފަށާފައިވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާއި މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ އެކު އެ މަނިކުފާނު ވަކިވަކިން ބައްދަލުވުންތައް ބޭއްވެވި އެވެ.