ސިނަމާލެ ބްރިޖުމަތީގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވި މީހެއްގެ ލައިސަންސް ހިފަހައްޓައި، އެ ސައިކަލް ފުލުހުން އިއްޔެ ޓޯކޮށްފި އެވެ.

ފުލުހުން އެ ޒުވާނާ އަށް ފިޔަވަޅު އެޅީ އޭނާ ނުރައްކާތެރިކޮށް ސައިކަލް ދުއްވާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ. 

އެ ވީޑިއޯ އިން ފެންނަ ގޮތުގައި ސިނަމާލެ ބްރިޖުގެ ހައިވޭމަތީގައި އެ ޒުވާން ފިރިހެންމީހާ ސައިކަލް ދުއްވަމުން ދިޔައީ އެއް އަތުން ހުންގާނުގައި ހިފަހައްޓައިގެން، ސައިކަލްގެ ދެ ފަރާތަށް ފައިލުމުގެ ބަދަލުގައި ސައިކަލުގެ އެއް ފަރާތަށް ދެ ފައި ބާލައިގެން އިނދެ އެވެ.

މީޑިއާ އިން ފުލުހުންނާ ސުވާލު ކުރުމުން ރޭގައި ބުނީ އެ އުޅަނދާއި އުޅަނދު ދުއްވި ފަރާތް ދެނެގަނެ، އެ މީހާގެ ލައިސަންސް ހިފަހައްޓައި، ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އޭނާ ދުއްވި ސައިކަލް ވެސް 30 ދުވަހަށް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސިނަމާލެ ބްރިޖު ހައިވޭގައި ނުރައްކާތެރިކޮށް ސައިކަލް ދުައްވާ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ މަހު ވެސް އާންމުވި އެވެ. އެ މައްސަލައިގައި ތިން ސައިކަލެއް 30 ދުވަހަށް ފުލުހުން ޓޯކުރި އެވެ. 

ރާއްޖޭގައި ހިނގާ އެކްސިޑެންޓްތައް ފަހަކަށް އައިސް ގިނަވެފައި ވާއިރު، އެކްސިޑެންޓްތަކުގައި މީހުން މަރުވުމާއި ބޮޑެތި އަނިޔާތައް ލިބުން ވެސް ވަނީ އިތުރުވެފަ އެވެ.

ފުލުހުން މިދިޔަ މަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސިނަމާލެ ބްރިޖުގެ ހައިވޭގައި އެކަނިވެސް 1،355 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެ އެވެ.