ރ. މަޑުއްވަރީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ޑްރަގު އެންފޯސްމަންޓާއި މަޑުއްވަރީ ފުލުހުންނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރީ، ބޮންތި، އުމުރުން 27 އަހަރުގެ މުހައްމަދު މުއިއްޒާއި އެ ރަށު ތުނޑި، 29 އަހަރުގެ އާދަމް އާސިމް އެވެ.
ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން މުއިއްޒުގެ ބަންދަށް 10 ދުވަސް އަދި އާސިމްގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނުގައި މަޑުއްވަރީ ހަތް ގެއެއް ބަލައިފާސްކޮށް ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު އޭގެ ތެރެއިން ދެ މީހަކު ފިޔަވައި ބާކީ އެންމެން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 53.05 ގްރާމް ހުރި ކަމަށެވެ.
ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.