ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުން "ރެކެން" ރާއްޖެއަކީ މުހިންމު މަގެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބުނެ 'ދަ ވޯލް ސްޓްރީޓް ޖާނަލް' އިން ރިޕޯޓު ކޮށްފައި ވާތީ އެކަން ބަލަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.
ވޯލް ސްޓްރީޓްގެ ރިޕޯޓުގައިވާ ގޮތުން ބައިނަލްއަގުވާމީ ފިޔަވަޅުތަކާ ހެދި ރަޝިޔާއަށް އެތެރެ ނުކުރެވޭ ބާވަތްތައް އެ ގައުމަށް ގެންދަނީ ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށެވެ. އެ ނޫހުން މިކަން ރިޕޯޓްކުރުމުގެ ކުރިން 2023 ވަނަ އަހަރު ވެސް ބޭރުގެ ބައެއް މީޑިއާތަކުން މިކަން ރިޕޯޓް ކޮށްފައިވެ އެވެ.
އެމެރިކާ، ޔޫރަޕް އަދި ޗައިނާ އިން ދިވެހިރާއްޖެ އަށް އެތެރެކުރާ މުދާ ރާއްޖޭގެ ކުންފުނިތައް މެދުވެރިކޮށް ކްލިއާ ކުރުމަށް ފަހު، ރަޝިޔާގެ ގައުމީ އެއާލައިން އެއަރޯފްލޯޓްގެ ދަތުރުތަކުގައި އެ ގައުމުގެ ވެރިރަށް މޮސްކޯ އަށް ފޮނުވަ އެވެ.
މިގޮތަށް ލިޔެކިޔުންތައް އަލުން ތައްޔާރުކުރާއިރު، މުދާ ވިއްކި އަސްލު ފަރާތުގެ މައުލޫމާތު އުނިކޮށް، ކަސްޓަމްސް އިން އާދައިގެ ގޮތަކަށް ބަލައިލުމަށް ފަހު ފޮނުވާލާ ކަމަށް އެ ރިޕޯޓުގައި ތުހުަމަތުކޮށްފައި ވެ އެވެ.
އެ ތުހުމަތުތަކާ ގުޅޭ ގޮތުން އިއްޔެގެ ޕްރެސް ބްރީފިންގައި ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ވޯލްސްޓްރީޓް ޖާނަލްގައި ޖެހި ރިޕޯޓް ފެނުމާ އެކު، ކަމާ ބެހޭ އިދާރާތަކުން އެކަމުގެ ތެދުދޮގު ބެލުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
އެކަމަކު ރާއްޖޭގައި އެ ކަހަލަ ކަމެއް ހިނގާ ނަމަ ފިޔަވަޅު އެޅެންޖެހޭނެ ކަމަށާއި އެކަން [ރަޝިޔާއަށް ރާއްޖެއިން ގެންދާ ތަކެތީގެ ތެރޭގައި، ދަތިކުރުމުގެ ފިޔަވަޅުތަކުން މަނާކޮށްފައިވާ ބާވަތްތައް ހިމެނޭކަން ނުވަތަ ނޫންކަން] ދެނެގަތުމުގެ ގާބިލްކަން އެބަހުރިތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު އުފެދޭ ސުވާލަކީ އެކަމަކު އަޅުގަނޑުމެންގެ ކެޕޭސިޓީ އެބަހުރި ބާއޭ އެ ވިދާޅުވާ ލެވެލްގެ ކަމެއް ދެނެގަންނަން، އެނގިވަޑައިގަންނަވާ ދެއްތޯ މި ދެންނެވި އެއްޗެއް؟ މިސާލަަކަށް މި ފޯނުގެ ތެރޭގައި އިންނަ ޗިޕަކީ ކޮން ކަހަަލަ ޗިޕެއްކަން އަޅުގަނޑުމެންނަށް ކިހިނެއްހޭ އެނގޭނީ،" މުންދު ވިދާޅުވި އެވެ.
ވޯލްސްޓްރީޓްޖާނަލްގެ ރިޕޯޓްގައިވާ ގޮތުން، ދަތިކުރުމުގެ ފިޔަވަޅުތަކުގައި ރަޝިޔާއަށް އެތެރެކުރުން މަނާކޮށްފައިވާ ބާވަތްތައް ރާއްޖެ މެދުވެރިކޮށް އެ ގައުމަށް ގެންދާތީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެމެރިކާއިން ދަނީ ދިވެހި ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ.
މުންދު ވިދާޅުވީ އެއީ ދޮގެއް ކަމަށާއި ރާއްޖެއަކީ ބައިނަލްއަގުވާމީ ސެކިއުރިޓީ އެޖެންސީތަކާ ވަރަށް ގާތުން މަސައްކަތްކުރާ ގައުމެއް ކަމަށެވެ.
ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް ފޮނުވާ ކަމަށް ބުނާ ތަކެތި
- މަތިންދާބޯޓުގެ ތަފާތު އެކި ބައިތައް
- މިސައިލް ގައިޑަންސް ސިސްޓަމްތަކަށް ބޭނުންކުރާ މައިކްރޯޗިޕްސް
- ސެޓެލައިޓްތަކަށް ބޭނުންވާ އޮޕްޓިކަލް ސާމާނު
- ދުރުރާސްތާ މިސައިލާއި މަތިންދާބޯޓު އުފެއްދުމަށް ބޭނުންކުރާ އެކި ބާވަތުގެ ސްޕެއާޕާޓްސް
ރަޝިޔާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2021 ވަނަ އަހަރު ރާއްޖެ އިން ރަޝިޔާ އަށް އެތެރެކޮށްފައިވަނީ އަގުގެ ގޮތުން ބަލާ ނަމަ ހަތް މިލިއަން ޑޮލަރަށް ވުރެ މަދު އަދަދެއްގެ މުދަލެވެ. އެކަމަކު ޖެހިގެން އައި 2022 ވަނަ އަހަރު ރާއްޖެ އިން އެ ގައުމަށް އެތެރެކުރި މުދަލުގެ އަގު 630 މިލިއަން ޑޮލަރަށް ވުރެ މައްޗެވެ.
ތަކެތި ރާއްޖެއަށް އެތެރެނުކޮށް ފޮނުވާލާ
ވޯލްސްޓްރީޓް ޖާނަލްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ އާއި ޔޫރަޕް އަދި ޗައިނާއިން ގެންނަ މުދާ ވީއައިއޭއަށް ބޭލުމަށްފަހު، ރާއްޖޭގެ ކަސްޓަމްސް އޭރިއާއަށް އެތެރެ ނުކޮށް، އެއާޕޯޓުގެ ޓްރާންސިޓް އޭރިއާގައި ބަހައްޓައިގެން ސީދާ ރަޝިޔާގެ އެއަރޯފްލޯޓްގެ މަތިންދާބޯޓުތަކަށް އަރުވަ އެވެ.
އެކަން އެގޮތަށް ކުރަނީ ރާއްޖޭގައި އުޅޭ ބަޔަކު މެދުވެރިކޮށް މެދުވެރިކޮށް މުދަލުގެ އެއާ ވޭބިލް ބަދަލުކޮށްގެންނެވެ. އެގޮތުން މުދާ އުފެއްދި އަސްލު ކުންފުންޏާއި ގައުމުގެ މައުލޫމާތު އުނިކޮށް، ރަޝިޔާގެ އިމްޕޯޓަރުންގެ ނަމަށް ލިޔެކިޔުންތައް އަލުން ތައްޔާރުކުރެ އެވެ.
އެގޮތަށް ޓްރާންސިޓްވާ މުދާ ކަސްޓަމްސްއިން ފިޒިކަލީ ބަލައިފާސްކުރަނީ ވަރަށް ކުޑަކޮށް ކަމަށާއި ހަމައެކަނި ލިޔެކިޔުންތަކަށް ބަލައިގެން ކަމަށް ވެސް އެ ރިޕޯޓްތަކުގައި ތުހުމަތުކޮށްފައިވެ އެވެ.
ވޯލްސްޓްރީޓް ޖާނަލްގެ ރިޕޯޓްގައިވާ ގޮތުން އެ ނޫހުން ކުރި ކުރި ތަހުގީގުގައި ރާއްޖޭގައި ރަޝިޔާއަށް މުދާ ފޮނުވަން އެހީތެރިވާ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބައެއް ކުންފުނިތަކުގެ މައުލޫމާތު އެ ނޫހަށް ލިބިފައި ވެ އެވެ.
އޭގެ އެއް ކުންފުންޏަކީ އެ ނޫހުގެ ރިޕޯޓްގައިވާ ގޮތުން ފްރެއިޓް ކެއާ ނަމަކަށް ކިޔާ ކުންފުންޏެކެވެ. ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް ފޮނުވާ މުދާ ކްލިއާކުރުމުގެ މަސައްކަތް އެކުންފުނިން ކުރާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ވަހީދު ވިދާޅުވި ކަމަށް ވެސް އެ ރިޕޯޓްގައި ބުންޏެވެ.
އެކަމަކު ހަތިޔާރު އުފައްދަން ބޭނުންކުރާ ތަކެތި ފޮނުވަން، އެނގިހުރެ އެހީތެރިވެފައި ނުވާނެ ކަމަށާއި އެ ކުންފުނިން އެއްވެސް ހަނގުރާމައަކަށް ތާއީދު ނުކުރާ ކަމަށް އޭނާ ވިދާޅުވި ކަމަށް ވެސް އެ ރިޕޯޓްގައި ބުންޏެވެ.
ރިޕޯޓްގައިވާ ގޮތުން އެފަދަ އަނެއް ކުންފުންޏަކީ ގޯ އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏެކެވެ. އެ ކުންފުނި ރަޖިސްޓްރީކޮށްފައިވާ އެޑްރެހުގައި ހުންނަނީ ކުޑަ އިލެކްޓްރޯނިކްސް ފިހާރައެއް ކަމަށާއި އެއީ ގިނަ ކުންފުނިތަކެއް ރަޖިސްޓްރީކޮށްފައިވާ އެޑްރެހެއް ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެ ނެޓްވޯކް މެދުވެރިކޮށް ރާއްޖެއިން ރަޝީޔާއަށް ފޮނުވާ ތަކެތީގެ ތެރޭގައި އާއްމު މުދަލުގެ އިތުރުން މަދަނީ އަދި މިލިޓަރީ ބޭނުންތަކަށް ވެސް ބޭނުން ހިފޭ (ޑުއަލް ޔޫޒް) ސާމާނު ހިމެނެ އެވެ. އެފަދަ އެކައްޗަކީ މައިކްރޯޗިޕްސް އެވެ. އެއީ މިސައިލް ގައިޑަންސް ސިސްޓަމްތަކަށް ބޭނުންކުރެވޭ އަދި އިލެކްޓްރޯނިކްސް އަށް ވެސް ބޭނުންކުރާ އެއްޗެކެވެ.
ރިޕޯޓްގައިވާ ގޮތުން އެފަދަ އަނެއް އެއްޗަކީ އޮޕްޓިކަލް އިކުއިޕްމަންޓެެވެ. އެއީ ސެޓެލައިޓް މެދުވެރިކޮށް ހަރަކާތްތައް ބެލުމަށް ބޭނުންކުރާ ސާމާނު އުފައްދަން ބޭނުންކުރެވޭނެ އެއްޗިއްސެވެ.
ރާއްޖެއިން ރަޝިޔާއަށް ގެންދާ އެއްޗިހީގެ ތެރޭގައި އެއާކްރާފްޓްގެ ބައިތައް ހިމެނޭ އިރު މަދަނީ އަދި ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް ބޭނުންވާ ސްޕެއާޕާޓްސް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް އެ ރިޕޯޓްގައި ބުންޏެވެ.
ރާއްޖެ މެދުވެރިކޮށް ރަޝިޔާއިން މުދާ ފޮނުވުގެ ހަރަކާތް ހިންގަނީ ނުފޫޒުގަދަ ސިޔާސީ ފަރާތްތަކެއްގެ އެހީގައި ކަމަށް ވެސް އެ ރިޕޯޓްގައި ތުހުމަތުކޮށްފައި ވެ އެެވެ.