މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 2،500 އަށްވުރެ ގިނަ ކުދިން އުފަންވެ، އެ މުއްދަތުގައި 800 އަށްވުރެ ގިނަ މަރު ރިކޯޑުކޮށްފައިވާ ކަމަށް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ތަފާސް ހިސާބުން ހާމަވެއްޖެ އެވެ.

ހެލްތު މިނިސްޓްރީއާ ގުޅިގެން އެމްބީއެސް އިން ނެރެފައިވާ "މޯލްޑިވްސް ވައިޓަލް ސްޓެޓިސްޓިކްސް ކުއާޓަލީ ބުލެޓިން" ދައްކާގޮތުން، މި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި 2،538 ކުދިން އުފަންވި އެވެ. އެއީ ފުރަތަމަ ތިން މަސް ދުވަހު 1،225 އަދި ދެ ވަނަ ކުއާޓާގައި 1،313 ކުދިންނެވެ. އޭގެ ތެރެއިން، 1،309 އާއެކު އެންމެ ގިނައީ ފިރިހެން ކުދިންނެވެ.

ހަމަ އެ މުއްދަތުގައި ރާއްޖޭގައި 813 މީހުން މަރުވެފައިވާ ކަމަށް، އެ ނަމްބަރުތަކުން ދައްކަ އެވެ. އެއީ 722 ދިވެހިންނާއި 89 ބިދޭސީންނެވެ. އޭގެ ތެރޭގައި ވެސް 490 މީހުންނާއެކު ގިނައީ ފިރިހެނުންނެވެ.

މަރުވި މީހުންގެ ތެރެއިން އެންމެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ އުމުރުން ދުވަސްވީ މީހުންނެވެ؛

  • އުމުރުން 65 އަހަރުން މަތި: 488 މަރު 
  • އުމުރުން 18-64 އަހަރާ ދެމެދު: 263 މަރު
  • ތުއްތުކުދިން (0-4 އަހަރާ ދެމެދުގެ ކުދިން: 30 މަރު
  • އުމުރުން 5-17 އަހަރާ ދެމެދުގެ ކުދިން: 10 މަރު

އެންމެ ގިނަ މީހުން މަރުވެފައިވަނީ މާލެ ސަރަހައްދުގަ އެވެ. އެއީ؛

  • މާލެ ސަރަހައްދު: 450 މަރު
  • އަތޮޅުތައް: 343 މަރު

މިދިޔަ އަހަރު މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މަރުވީ މާލޭގައި ކަމަށް ވާއިރު ދެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ހދ. އަދި އައްޑޫ ސިޓީންނެވެ.