ފުލުހުންގެ އިންޓެގްރިޓީ އާއި ވަކި ފަރާތަކަށް ނުޖެހި ގާނޫނު ތަންފީޒުކުރުމަކީ ފުލުހުންގެ މުއައްސަސާ ރައްޔިތުން ބަލައިގަންނާނެ މުހިއްމު ސިފަތަކެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރަން ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އިހުސާން ވިދާޅުވީ ފާއިތުވި 22 އަހަރު ދުވަހުގެ ތެރޭގައި ފުލުހުންނަށް އެންމެ ބޮޑު ތަސައްލީއެއް ލިބެންވާނީ ރައްޔިތުން ފުލުހުންގެ މުއައްސަސާއާ މެދު ދެކޭ ގޮތް ކަމަށެވެ.
އިހުސާން ވިދާޅުވީ އެއްވެސް ފަރާތަކަށް ނުޖެހި ގާނޫނު ތަންފީޒުކުރަމުން އައުމަކީ އެންމެން ބަލައިގަންނަ ސިފައެއް ކަަމަށާއި އެ ނޫން ގޮތަކަށް ކަންތައްތައް ދާނަމަ، އެ ކަންތައްތައް ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ޕްރޮފެޝަނަލިޒަމްއަކީ އޮންނަ ޑިސިޕްލިންއަކީ އަދި ކޮންމެ ފުލުހެއްގެ އިންޓެގްރިޓީއަކީ އެއްވެސް ފަރާތަކަށް ނުޖެހި ގާނޫނު ތަންފީޒު ކުރަމުންދާ ދިޔުމަކީ އަޅުގަނޑުމެންގެ ތެރޭގައި ދިވެހި ރައްޔިތުން ބަލައިގަންނާނެ ސިފަތައް. މިދެންނެވި ބީދާއިން ނޫން ގޮތަކަށް ކަންތައްތައް ދާނަމަ އެ ކަންތައްތައް ވެސް ރައްޔިތުންނަށް ފެންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުން ނުކުރުމަށް ފުލުހުންނަށް އިލްތިމާސްކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގައުމީ ސަލާމާތީ ވިއުގައިގެ ތެރެއިން އެހެން އިދާރާތަކާ އެކު އޮންނަ ގުޅުން މިހާރަށް ވުރެ ވަރުގަދަކޮށް އިންޓްގަރޭޓެޑް ސިސްޓަމްތައް މެދުވެރިކޮށް ހިދުމަތަކަށް ބޭނުންވާ މައުލޫމާތު ބަދަލުކުރުމާއި އެ މައުލޫމާތުގެ އަލީގައި ރައްޔިތުންނަށް އަވަހަށް އޯގާތެރިކަމާ އެކު ހިދުމަތް ދިނުމުގައި ދެމިތިބެންޖެހެ އެވެ.
އިހުސާން ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ކުށެއް ހިނގުމުގެ ކުރިން ފުލުހުން އެތަނެއްގައި އެންގޭޖުވެ ކުށް މަދުކުރުމަށް މަސައްކަތްކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި މީހަކު ހައްޔަރުކުރުމުން އޭނާއަށް އެ ކުރިމަތިވަނީ ހިތްދަތި ދުވަސްތަކަކާ ކަމަށާއި އެހެންވެ ފުލުހުންގެ މަސައްކަތް ބައްޓަންކުރަންވީ އެފަދަ ހާލަތްތަކަށް ނުގޮސް ކްރައިމް ޕްރިވެންޝަނަށް ހާއްސަ އިސްކަމެއްދީގެން ކަމަށް އިހުސާން ވިދާޅުވި އެވެ.
ދިވެހި ޒުވާނުން މަސްތުވާތަކެއްޗަށް ވަނުމަށް އޮތް ދޮރުތައް ބަންދުކޮށް އެ މީހުންނާ ގާތުން މަސައްކަތްކޮށް ހަމަ މަގަށް އެޅުމަށް މަސައްކަތްކުރުމަށް ވެސް މިނިސްޓަރު ވަނީ ފުލުހުންނަށް އިލްތިމާސްކުރައްވައިފަ އެވެ. އަދި އެ މީހުންނަކީ ގައުމަށް ބޭނުންވާ ރަނގަޅު ބަޔަކަށް ހެދުމަށް ފުލުހުންނަށް ކޮށްދެވެން އޮތް މަސައްކަތެއް ކޮށްދެއްވަން ވެސް މިނިސްޓަރު އެދިވަޑައިގަތެވެ.