ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ 100 ޕަސެންޓު ހިއްސާ ސަރުކާރަށް ހޯދުމުގެ މަސައްކަތްތައް ފަށަން ކެބިނެޓުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ 51 ޕަސެންޓަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. 

"އެނގިވަޑައިގަންނަވާނެ ފަދައިން ދިރާގަކީ ސަރުކާރުގެ މެޖޯރިޓީ ޝެއާ އޮއްވައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދިރާގުގެ ޝެއާ ވަނީ ވިއްކާލާފައި. ރައްޔިތުންގެ ވަރަށް ބޮޑު ހަރު މުދަލެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިރާގުގެ ޝެއާ 51 ޕަސެންޓަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށްޓަކައި އަދި ރާއްޖޭގެ އިގުތިސާދު އިތުރަށް ކުރިއަށް ގެންދިއުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

މިވަގުތު ދިރާގުގައި އޮންނަނީ ސަރުކާރުގެ 41.8 ޕަސެންޓު ހިއްސާ އެވެ. އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ނުވަތަ 52 ޕަސެންޓު ހިއްސާކުރަނީ ބަހުރެއިންގެ ބަޓެލްކޯ އެވެ. އަދި އާންމުންގެ 6.2 ޕަސެންޓު ހިއްސާ އޮވެ އެވެ. 

"އެހެންވީމަ، ސަރުކާރުން ވިއްކާލި ދިރާގުގެ ޝެއާ ހޯދައި މެޖޯރިޓީ ކޮންޓްރޯލް 51 އިންސައްތައަށް ބޮޑުކުރުމުގެ މަސައްކަތް މިހާރު އެ ވަނީ ފެށިފައި ކެބިނެޓުގެ ނިންމުމާ އެކީގައި،" ރައީސް ވިދާޅުވި އެވެ. 

އެމްޑަބްލިއުއެސްސީގެ 20 ޕަސެންޓު ހިއްސާ ބޭރު ކުންފުންޏެއްގެ ދަށުގައި އޮންނައިރު، އެ ކުންފުންޏަކީ 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހަދަން މިހާރު ނިންމާފައިވާ ކަމަށް ރައީސް މިއަދު އިއުލާންކުރެއްވި އެވެ. 

"ބޭރު ކުންފުންޏަކަށް ވިއްކާލާފައި އޮތް 20 ޕަސެންޓުގެ ޝެއާ ގަނެ، 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ސަރުކާރު އެމްޑަބްލިއުއެސްސީ ބަދަލުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް މިހާރު އެ ވަނީ ފެށިފައި،" ރައީސް ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ 20 ޕަސެންޓު ހިއްސާ ޖަޕާނުގެ ހިޓާޗީ ކުންފުންޏަށް ވިއްކާލީ ވެސް އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.

ރައީސް ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ހިއްސާ ގެންނަން މި ބަދަލުތަކާ ގުޅޭ މައުލޫމާތު ފިނޭންސް މިނިސްޓްރީ އާއި ކަމާބެހޭ އެހެން އިދާރާތަކުން ކުރިއަށް އޮތް ދުވަސްތަކުގައި އާންމުކުރާނެ ކަމަށެވެ.