ދައުލަތުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީ އާއި މުވާސަލާތީ ކުންފުނި ދިރާގުގެ ހިއްސާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ގުޅިގެން އޭރު ވެސް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. ދައުލަތަށް ބޮޑު ފައިދާއެއް ވަމުން އައި ދެ ކުންފުނީގެ ހިއްސާ އެ ވަގުތުގެ މާލީ ފައިދާއަކަށްޓަކައި ވިއްކާލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އެތައް ބަޔަކު އައީ ބުނަމުންނެވެ.
އޭގެ އަހަރުތަކެއް ފަހުން މި ފަހަރު މި އޮތީ އެ ދެ ކުންފުނީގެ ބޭރުގެ ހިއްސާ ދިވެހި ސަރުކާރަށް އަނބުރާ ނެގުމުގެ ބަަހުސެވެ. އެ ދުވަސްވަރާއި މިހާރުގެ ހާލަތަށް ބަލާއިރު ވިސްނުމާއި ފިކުރު ވެސް ތަފާތުކަން މި ބަހުސް އިން އެނގެ އެވެ. އެމްޑަބްލިއުއެސްސީގެ 100 ޕަސެންޓް އަދި ދިރާގުގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަން އިއުލާންކުރީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.
ސުވާލަކީ މީގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ސަރުކާރަށް މި ނިންމުމުގެ ސަބަބުން ލިބޭނެ ފައިދާތަކަކީ ކޮބައި ހެއްޔެވެ؟
ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ ސަރުކާރަށް ނަގަން ކެބިނެޓުން ނިންމިކަން އިއުލާން ކުރައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ ހަތްވަނަ ދުވަހު ނޫސްވެރިން ގާތު ވިދާޅުވީ، މި ސަރުކާރުން ގަބޫލުކުރަނީ ދިރާގުގެ ހިއްސާ 51 ޕަސެންޓަށް ސަރުކާރަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި އަދި ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
މި މުއާމަލާތުގެ ތަފުސީލްތައް ފިނޭންސް މިނިސްޓްރީން އަދި ހާމަނުކުރި ނަމަވެސް ޔަގީނުން ވެސް މިފަދަ ބޮޑު ނިންމުމެއް ކެބިނެޓުން ނިންމާނީ ވަކިވަކިން ދެ ކުންފުނީގެ ހާލަތު އޮޅުން ފިލުވައި، ގައުމުގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށާއި އޭގެ ސަބަބުން އެ ކުންފުނިތަކުގެ ހިންގުމަށް އަންނަނީ ރަނގަޅު ބަދަލުތަކެއްތޯ ފުރިހަމައަށް ބަލައިފަ އެވެ.
ގައުމުގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށާއި އަދި ކޯޕަރޭޓް ގަވަނަންސް ނުވަތަ ކުންފުނި ހިންގުމުގެ ނިޒާމަށް ކުރާނެ އަސަރުތަކާއި ލިބޭނެ މަންފާތައް ދެނެގަނެ، އެކަން ފުރިހަމައަށް އެނަލައިޒް ކުރަން ވެސް ޖެހެ އެވެ.
ދިރާގަކީ ދައުލަތަށް އެންމެ ބޮޑު ޑިވިޑެންޑް ނުވަތަ ހިއްސާގެ ފައިދާ ދައްކާ އެއް ކުންފުންޏެވެ. މިދިޔަ އަހަރު ޑިވިޑެންޑްގެ ގޮތުގައި އެ ކުންފުނިން 276 މިލިއަން ރުފިޔާ ދައުލަތަށް ދެއްކިއިރު މި އަހަރު 269 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާ ކޮށްފައިވެ އެވެ. އެމްޑަބްލިއުއެސްސީން ވެސް މި އަހަރު 30 މިލިއަން ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެ އެވެ. އެއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ސަރުކާރަށް ބަރޯސާ ނުވެ ހިންގާ މަދު ކުންފުނުތަކުގެ ތެރޭގައި ހިމެނޭ ދެ ކުންފުންޏެވެ.
މީގެ 38 އަހަރު ކުރިން އުފެއްދި ދިރާގުގެ ދިގު ތާރީހުގައި ހިދުމަތްތައް ދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދައިފަ އެވެ. މިވަގުތު އެ ކުންފުނީގައި ސަރުކާރުގެ ހިއްސާއަކީ 41.8 ޕަސެންޓެވެ. ދިރާގުގެ 52 ޕަސެންޓް ހިއްސާކުރަނީ ބީޓީސީ އައިލެންޑް ލިމިޑެޓް (ބިޔޮން) އެވެ. އަދި ބާކީ އޮތް 6.2 ޕަސެންޓް އޮތީ އާންމު ހިއްސާދާރުންގެ ކޮންޓްރޯލްގެ ދަށުގަ އެވެ.
ދިރާގުގެ 52 ޕަސެންޓް ހިއްސާ ކޭބަލް އެންޑް ވަޔަލެސް ކުންފުންޏަށް ވިއްކާލީ 2013 ވަނަ އަހަރު އެވެ. އޭރުގެ ސަރުކާރުން އެ ކުންފުންޏަށް ހިއްސާ ވިއްކާލީ 40 މިލިއަން ޑޮލަރު (616.8 މިލިއަން ރުފިޔާ) އަށެވެ.
ދިރާގާ އެއްގޮތަށް އެމްޑަބްލިއުއެސްސީއަކީ ވެސް ސަރުކާރު ހިއްސާާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެއް ކުންފުންޏެވެ. އެ ކުންފުނި އުފައްދާފައިވަނީ މާލެއަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް 1995 ވަނަ އަހަރު އެވެ. އެމްޑަބްލިއުއެސްސީގެ 20 ޕަސެންޓް ހިއްސާ 16 މިލިއަން ޑޮލަރު (247 މިލިއަން ރުފިޔާ) އަށް ޖަޕާންގެ ހިޓާޗީ ކުންފުންޏަށް ވިއްކާލީ 2010 ވަނަ އަހަރު އެވެ.
އޭގެ ފަހުން މިދެ ކުންފުނީގެ ހިއްސާ ގަތުމުގެ ވާހަކަތައް 2017 ވަނަ އަހަރުގައި ވެސް އޭރު ސަރުކާރުގެ ތެރޭގައި ދެއްކެވުނަސް މާބޮޑެތި ކުރިއެރުންތަކެއް ނުހޯދި އެކަން އޮތީ ހުއްޓިފަ އެވެ.
އެންމެ މުހިއްމީ ޓްރާންސްޕޭރެންސީ
ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ ސަރުކާރަށް ނެގުމާ ގުޅޭ ގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރާއްޖޭގެ އިގްތިސާދު ދިރާސާ ކުރައްވާ އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވީ، އެއީ ސްޓްރެޓެޖިކް ގޮތުން މުހިންމު އުމްރާނީ ވަސީލަތްތަކާއި ޒަރޫރީ ހިދުމަތްތައް ދޭ ދެ ކުންފުނި ކަމަށްވާއިރު އެފަދަ ކުންފުނިތަކުގައި ސަރުކާރުގެ ހިއްސާ އޮތުމަކީ އާންމު ސިޔާސަތުތަކުގެ ތެރެއިން ރަނގަޅު ކަމެއް ކަމަށެވެ.
އެކަމަކު ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތަށް ބަލާއިރު، މިފަދަ ބޮޑު މުއާމަލާތެއް ހިންގަން ވާނީ، އެކަމަށް ހިނގާ މާލީ ބުރައަށް ވުރެ ރައްޔިތުންނަށް ލިބޭ ޖުމްލަ މަންފާ ބޮޑުކަން، ރަނގަޅަށް ބަލައި ދެނެގަތުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމުގައި އުފެދޭ އެންމެ މުހިންމު ސުވާލަކީ ހިއްސާ އިތުރު ކުރުމުން ރައްޔިތުންނަށް ލިބޭނެ ހަގީގީ މަންފާއަކީ ކޮބައިތޯ އާއި އެއީ އެކަމަށް ކުރަންޖެހޭ ހަރަދާ އަޅާ ބަލާއިރު އެކަށޭނަ މަންފާއެއްތޯ." އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
އެ ދެ ކުންފުނީގެ ހިއްސާ ދައުލަތަށް ނަގައިގެން ރައްޔިތުންނަށް ވާނެ ފައިދާ ސާފުކޮށް ކިޔައިދޭން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
އަހުމަދު މުހައްމަދު ވިދާޅުވީ، މިފަދަ މުއާމަލާތެއް ހިންގާއިރު، ސަރުކާރުން އެ ހިއްސާ ގަތުމަށް ކުރާ ހަރަދު އެހެން ކަމަކަށް ބޭނުންކޮށްގެން ލިބެން އޮތް ފުރުސަތުތަކުގެ އަގަށް ވެސް ބަލަންޖެހޭ ކަމަށެވެ.
"ދައުލަތުގެ ދަރަންޏާއި މާލީ ދަތިކަން ބޮޑުވެފައިވާ މިފަދަ ދަނޑިވަޅެއްގައި، މިހާރު ވެސް ހަމަޖެހިގެން ހިނގަމުންދާ ކުންފުނިތަކެއްގެ ހިއްސާ ގަތުމަށް ބޭނުންކުރާ ފައިސާއަކީ ގައުމުގެ ދަރަނި ކުޑަކުރުމަށާއި ރަސްމީ ރިޒާވް ވަރުގަދަ ކުރުމަށް ނުވަތަ އިގްތިސާދީ، އުމްރާނީ ތަރައްގީގެ މުހިންމު އެހެން މަޝްރޫއުތަކަށް އިންވެސްޓް ކުރެވެން އޮތް ފައިސާ،" އޭނާ ވިދާޅުވި އެވެ.
އެހެންކަމުން، ހިއްސާ ގަންނަ އަގުގެ އިތުރުން، އެކަމަށް ފައިސާ ހަމަޖައްސާނެ ގޮތްތަކަކީ ވެސް މުހިންމު ކަމެއް ކަމަށް އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ހަމައެކަނި ދިރާގާއި އެމްޑަބްލިއުއެސްސީ އަކީ ގައުމީ ގޮތުން މުހިންމު ދެ ކުންފުންޏަށް ވީތީ ނިންމަންޖެހޭ ނިންމުމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހިއްސާގެ އަގާއި ފައިސާ ހަމަޖައްސާނެ ގޮތްތަކާއި ހިއްސާ އިތުރުވުމުން ލިބޭނެ އިތުރު ބާރުތަކާއި ފައިދާތަކާއި މިހާރު ތިބި ހިއްސާދާރުންނަށް ކުރާނެ އަސަރުތައް ދެނެގަތުން ވަރަށް މުހިއްމެވެ.
ކަންބޮޑުވުމަކީ ސިޔާސީ ބިރުވެރިކަން؟
ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާ ސަރުކާރަށް ގަތުމުގެ ވާހަކަ އިވޭއިރަށް އެއް ބަޔަކު އުފައްދާ ސުވާލަކީ ދެން އެ ދެ ކުންފުނި "ސިޔާސީ" ނުވެ ކުރިއަށް ދެވިދާނެ ހެއްޔެވެ؟ ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް މާޒީގެ ތަޖުރިބާއަކީ ސިޔާސީ ބާރުވެރިކަމުގެ ތެރޭގައި ބައެއް ކުންފުނިތަކުގެ މާލީ ހާލަތު ގޯސްވާ ކަމެވެ. އޭގެ މިސާލަކަށް އެންމެން ވެސް ދައްކަނީ ދަރަނިި ވާރުތަވަމުންދާ ފެނަކަ ކުންފުންޏެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ ފެނަކަ އާއި އާރްޑީސީ އާއި ވެމްކޯ އާއި ސްޓެލްކޯ ފަދަ ކުންފުނިތަކަށް ވެސް މިދިޔަ 15 އަހަރުގެ ތެރޭގައި ސިޔާސީ ބޭނުންތަކަށް މުވައްޒަފުން ނެގުމުގެ ސަގާފަތް ވަނީ ހަރުލައި، މޫލައިފަ އެވެ. މިއީ ސަރުކާރުތަކުން ސީދާ ރަސްމީކޮށް އެއްބަސް ނުވާ ކަންތައްތައް ކަމަށް ވިޔަސް އެންމެންނަށް ވެސް އެނގޭ ބޮޑު ސިއްރެކެވެ.
އެމްޑަބްލިއުއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވަނީ އޭނާ އެ ކުންފުނީގައި ކުރެއްވި ތަޖުރިބާ އާއި ހިއްސާ ގަތުމާ ގުޅޭ ގޮތުން އޭނާ ދެކެވަޑައިގަންވާ ގޮތް ހިއްސާކޮށްފަ އެވެ. އޭނާގެ ވާހަކަ ފެއްޓެވީ، ސިޔާސީ ބޭނުމަށް މުވައްޒަފުން ނަގާ މައްސަލައާ ހިސާބުންނެވެ. އެހެން އެސްއޯއީތަކެކޭ އެއްގޮތަށް އޭނާ އަށް ވެސް ސިޔާސީ ގޮތުން މުވައްޒަފުން ނެގުމާ ދެކޮޅަށް ދެއްކެން އޮތް ހަމައެކަނި އުޒުރަކީ ބޭރުގެ ކުންފުންޏެއްގެ ހިއްސާ އޮތުމެވެ. ފެނަކަ ފަދަ ކުންފުންޏަކަށް އެމްޑަބްލިއުއެސްސީ ނުވެ ސަލާމަތްވީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަތޭކަ ޕަސެންޓް ކުންފުންޏަކަށް ވެއްޖިއްޔާ ފެނަކައިގެ ހާލަތާއި ސްޓެލްކޯގެ ހާލަތަށް ވުން ގާތް. އެއީ ވާގޮތަކީ އަޅުގަނޑު ހުރި އިރު ވެސް ސްޓާފުން ވެއްދުމުގައި ބައެއް ފަހަރު ސިޔާސީ ކަންކަން އައީމާ އެއް އެކްސްކިއުޒަކަށް ދެއްކޭ ބޭރުގެ ހިއްސާ އޮތީމާ ޒިންމާދާރުވާން ޖެހޭނެއޭ. އެކަން ކުރެވެން އޮތީ،" އޭނާ ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ، އެމްޑަބްލިއުއެސްސީއަކީ ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ ކުންފުންޏެއް ނޫން ކަމަށާއި ކުންފުނި ހިންގަނީ ކުންފުންޏަށް ލިބޭ އާމްދަނީގެ ތެރެއިން ކަމަށެވެ. އެހެންވެ، ސަރުކާރުގެ ނުފޫޒު ކުޑަކުރުމަށް ބޭރުގެ ކުންފުންޏެއްގެ ހިއްސާ އޮވެގެން ވީ ފައިދާ ބޮޑު ކަަމަށް އޭނާ ވިދާޅުވި އެވެ.
ޝާހު ވިދާޅުވި ގޮތުގައި، ހިޓާޗީގެ ދަށުގައި އެ ކުންފުނީގެ 20 ޕަސެންޓް ހިއްސާ އޮތް އިރު، އެކަމުން ބޮޑެތި ފައިދާތަކެއް ވެސް ކުންފުންޏަށް ކުރި އެވެ.
އަޅުގަނޑު ހުރި އިރު ވެސް ސްޓާފުން ވެއްދުމުގައި ބައެއް ފަހަރު ސިޔާސީ ކަންކަން އައީމާ އެއް އެކްސްކިއުޒަކަށް ދެއްކޭ ބޭރުގެ ހިއްސާ އޮތީމާ ޒިންމާދާރުވާން ޖެހޭނެއޭ. އެކަން ކުރެވެން އޮތީ،"
އޭނާ ފާހަގަކުރެއްވި އެއް ކަމަކީ އެ ކުންފުންޏަށް ފައިނޭންސް ހޯދުމުގައި ހިޓާޗީގެ ސަބްސިޑަކީ ކުންފުނިތަކުގެ އެހީތެރިކަން ލިބުމެވެ. އެގޮތުން ހުޅުމާލޭގައި އެމްޑަބްލިއުއެސްސީން ހިންގި ޕްރޮޖެކްޓްތަކަށް ފައިނޭންސް ހޯދުމުގައި ހިޓާޗީ އެހީތެރިކަން ލިބިފައިވާ ކަމަށް ޝާހު ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ ބޯޑުގައި އިންނަވަނީ ހިޓާޗީގެ އެއް ޑިރެކްޓަރެވެ. ޝާހު، އެމްޑީގެ މަގާމުގައި ހުންނެވި ދުވަސްވަރު، އެ ކުންފުނީގެ އެއްވެސް ނިންމުމަށް ރިޖެކްޓް ނުޖައްސަވާ ކަމަށް ވިދާޅުވި އެވެ.
"ހިޓާޗީ 20 ޕަސެންޓް އޮތް އިރު އެ ކުންފުންޏަށް 20 ޕަސެންޓްގެ ފައިދާގެ ގޮތުގައި ދޭން ޑިކްލެއާ ކުރާ އަދަދު އޮނާ ނުކުރެވޭ. ޖެހިގެން އަންނަ އަހަރުގެ އޭޖީއެމް ބާއްވާއިރު ވެސް އެ އަދަދު އޮނާ ނުކުރެވި އޮންނަނީ. ދެން އިންސްޓޯލްމެންޓަށް ބަހާފައި ދޭނީއޭ ކިޔާފައި، އެ ވެސް އިންނަނީ ނުދެވި. އެ ކަންކަން ހަމައަކަށް އަޅުވައިގެން ހިއްސާ ގަންނަ ވާހަކަ ދައްކަން ވާނީ،" ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމްޑަބްލިއުއެސްސީން ކުޑަގިރި ތަރައްގީ ކުރުމަށްޓަކައި ސަރުކާރުން ބޭނުންވެގެން ކުރި މަސައްކަތްތަކަށް ވެސް ހިޓާޗީގެ ޑިރެކްޓަރު ރުހުން ދެއްވި އެވެ. އެ މަސަކަތްތަކަށް އެ ކުންފުނިން ވަނީ ސީއެސްއާރްގެ ގޮތުގައި 20 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
ޝާހު ވަނީ ހިޓާޗީގެ 20 ޕަސެންޓް ހިއްސާއޮތް އިރު، ހިއްސާދާރަށް ދޭން ޖެހޭ ޑިވިޑެންޑްތައް ވެސް އަހަރުން އަހަރަށް ނުދެވޭ ކަން ފާހަގަކޮށްފަ އެވެ.
އެމްޑަބްލިއުއެސްސީގައި ބޭރު ކުންފުންޏެއްގެ ހިއްސާ އޮތުމުން ހަމައެކަނި ލިބޭ ގެއްލުމަކީ، އެ ކުންފުންޏަށް ބިން މިލްކު ކުރުމުގައި ހުރި ގާނޫނީ އުނގަދޫތަކެވެ. އެ ނޫން އެއްވެސް ކަމެއްގައި ބޭރުގެ ކުންފުންޏެއްގެ ހިއްސާ އޮވެގެން ގެއްލުމެއް ނެތް ކަމަށް ޝާހު ވިދާޅުވި އެވެ.
ސަރުކާރުގެ ބަސް: މި ބަދަލާ އެކު ދެ ކުންފުނީގެ ހިދުމަތުގެ ފެންވަރާއި އަގުތައް ކުޑަވާނެ
ސަރުކާރުން ދިރާގާއި އެމްޑަބްލިއުއެސްސީގެ ހިއްސާގަތުމަށް ނިންމި އެންމެ މުހިއްމު ސަބަބަކީ، ދެ ކުންފުނީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުން އެ ހިދުމަތްތަކަށް ދޭ އަގުތައް ކުޑަކުރުން ކަމަށް ރައީސް އޮފީހުގެ ތަޖުރަމާން މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދިރާގުގެ ހިއްސާ ގަތުމަށް ނިންމީ، އެ ކުންފުނީގެ މެޖޯރިޓީ ނެތުމުން، ހިދުމަތްތަކުގެ އަގުތައް ކަނޑައެޅުމުގައި ދިވެހި ސަރުކާރުގެ ކޮންޓްރޯލެއް ނެތުމުން ކަމަށެވެ.
މުންދު ވިދާޅުވީ، ޓެލެކޮމް ދާއިރާގެ ހިދުމަތްތައް ފުޅާވަމުން އަންނައިރު އެ ކަންކަމުގައި ސަރުކާރުން އެފަދަ ހިދުމަތްތަކަށް ބާރު އެޅޭ މިންވަރު ކުޑަ އެވެ.
"މިސާލަކަށް ވަކި ހިދުމަތެއްގެ އަގުތައް ސީދާ ރައްޔިތުންނަށް އެންމެ އެފޯޑަބަލް [ހެޔޮކޮށް] ރޭޓްސްތަކުގައި ބަހައްޓަން މަސައްކަތްތަކެއް ކުރެވޭނެ. ދެވަނަ ކަމަކީ އަޅުގަނޑުމެންނަށް ދިރާގުގެ ހިއްސާދާރުންގެ ހައިސިއްޔަތުން ލިބޭ އެއްޗެއް ކުޑަ. ތިންވަނަ ކަމަކީ ދިރާގުން ކޯޕަރޭޓް ޑިޒިޝަން، ޕާޓިކިއުލާލީ [ވަކިން ހާއްސަކޮށް] ވަކިން ހިދުމަތްތަކެއް ދިނުމަށް ބާރު އެޅޭ މިންވަރު ކުޑަ،" އޭނާ ވިދާޅުވި އެވެ.
އަނެއް ސަބަބެއްގެ ގޮތުގައި މުއްދު ވިދާޅުވީ، ދިރާގުގެ ސީއީއޯގެ މަގާމުގައި ހުންނެވި އިސްމާއިލް ރަޝީދު ދާދި ފަހުން ރިޓަޔާ ކުރެއްވުމުން، އެ މަގާމަށް ރާއްޖެއިން ބޭރުގެ ބޭފުޅަކު އައްޔަންކުރި ކުރުމެވެ. ސަރުކާރުގެ ކޮންޓްރޯލް އެ ކުންފުނީގައި އޮތް ނަމަ އަނެއްކާ ވެސް ދިވެއްސަކު ހިންގުމަށް ގެންނަން އިސްކަން ދެވުނީސް ކަމަށް ވިދާޅުވި އެވެ.
މުންދު ވިދާޅުވީ ދިރާގުގެ ކޮންޓްރޯލް ހޯދުމަށް ސަރުކާރަށް ބޭނުންވަނީ ނުވަ ޕަސެންޓް ހިއްސާ ކަމަށާއި ބަޓެލްކޯއާ މަޝްވަރާ ކޮށްގެން، އެ ވަރުގެ ކޮންޓްރޯލެއް އެކަށީގެންވާ އަގެއްގައި ހޯދިއްޖެ ނަމަ މާލީ ގޮތުން ވެސް ދައުލަތަށް ވަންނަ ފައިދާ ބޮޑުވާނެ ކަމަށެވެ.
"ޔާމީން ސަރުކާރުގައި ފެނުގެ ކާރިސާ ދިމާވިއިރު އަޅުގަނޑުމެންނަށް ވަރަށް ދަތިވި މިދެންނެވި ބޭފުޅުންނާ [ހިޓާޗީއާ] ޑީލްކުރަން. ސަބަބަކީ އެ މީހުންނަކީ އާރްއޯއަށް ސްޕެޝަލައިޒް ބައެއް ނޫން،"
އެ ކުންފުނިތަކުގެ ހިއްސާ ގަތުމަށް ސަރުކާރުން ކުރާ ހޭދަ، މެދުރާސްތާގައި ރިކަވާ ކުރެވޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.
މުންދު ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ 100 ޕަސެންޓް ހިއްސާ ސަރުކާރަށް ނަގަން ނިންމީ، މި ވަގުތު އެ ކުންފުނީގެ 20 ޕަސެންޓްގެ ހިއްސާ އޮވެގެން، ހިޓާޗީގެ ސަބަބުން ވާ ފައިދާއެއް ނެތުމުން ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގައި ހިޓާޗީގެ ހިއްސާ އޮވެގެން އެ ކުންފުންޏަށް ލިބުނު ކުރިއެރުމެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
"ޔާމީން ސަރުކާރުގައި ފެނުގެ ކާރިސާ ދިމާވިއިރު އަޅުގަނޑުމެންނަށް ވަރަށް ދަތިވި މިދެންނެވި ބޭފުޅުންނާ [ހިޓާޗީއާ] ޑީލްކުރަން. ސަބަބަކީ އެ މީހުންނަކީ އާރްއޯއަށް ސްޕެޝަލައިޒް ބައެއް ނޫން،" އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރުން ނޭފަތު ކުރިއަކަށް ނުވިސްނާނެ. އަޅުގަނޑުމެން ބައިބެކް ކުރަން ކުރާ ހަރަދު ކުރިއަށް އޮތް މަދު އަހަރުތަކުގެ ތެރޭގައި ލިބޭނެ. މީޑިއަމް ޓާމްގައި މިއީ ސައުންޑް [ފައިދާވާނެ] އިވެސްޓްމެންޓްތައް،" އޭނާ ވިދާޅުވި އެވެ.
ދިރާގުގެ ހިއްސާ ވިއްކާލިތާ 13 އަހަރުވީ އިރު އެމްޑަބްލިއުއެސްސީގެ ހިއްސާ ވިއްކާލިތާ މިހާރު މި ވަނީ 16 އަހަރު ވެފަ އެވެ. މިދިޔަ ދުވަސްތަކުގައި ދެ ކުންފުންޏަށް ވެސް ވަނީ ބޮޑު ބަދަލުތަކެއް އައިސް، ކުންފުނީގެ ވެލިއު ވެސް އިތުރުވެފަ އެވެ.
ހިސާބުތައް ދައްކާ ގޮތުން ދިރާގުގެ އަގު ގާތްގަނޑަކަށް 12 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެމްޑަބްލިއުއެސްސީގެ ސީދާ އަގު އެ ކުންފުނިން އާންމުނުކުރި ނަމަވެސް އެސެޓްގެ ޖުމްލަ އަގު އުޅެނީ 3.5 ބިލިއަން ރުފިޔާގަ އވެެ. އެހެންވެ، އޭރު ކުންފުނީގެ ހިއްސާ ވިއްކި އަގާއި މިހާރު އަނބުރާ ހިއްސާ ގަތުމަށް ކުރަންޖެހޭ ހަރަދު ވެސް އިތުރުވާނެ އެވެ.
ސަރުކާރުން ބުނަނީ އެ ދެ ކުންފުނީގެ ހިއްސާގަތުމުގައި ސަރުކާރުން އަމަލުކުރާނީ، މާލީ ގޮތުން ވެސް ގެއްލުން ނުވާނެ ގޮތްތައް ބަލައިގެން ކަމަށެވެ. މިވަގުތު ބޮޑެތި ދަރަނިތަކެއް އަދާކޮށް، ރިޒާވަށް ޕްރެޝަރު އުފެދި، ޑޮލަރު ހޯދުމަށް ދަތިވެފައިވާ މި ދަނޑިވަޅުގައި މިކަން ކުރުމުގައި ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތަށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ރޭވުން ވަރަށް ވެސް މުހިއްމެވެ.