ހއ. އުލިގަމުގައި ހަދަމުން އަންނަ ޔޮޓް މެރީނާ އޮޕަރޭޓު ކުރާނެ ބަޔަކު ހޯދަން އެމްޕީއެލް އިން އިއްޔެ އިއުލާންކޮށްފި އެވެ. 

އެމްޕީއެލްގެ އިއުލާނުގައި ބުނީ އުލިގަމުގައި މަތީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްގީކޮށް، އޮޕަރޭޓުކުރާނެ ތަޖުރިބާކާރު ދިވެހި ނުވަތަ ބޭރުގެ ކުންފުންޏެއް ނުވަތަ ޖޮއިންޓް ވެންޗާއަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ނުވަތަ ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ. 

އުލިމަގު މެރީނާގެ އަސާސީ އިންފްރާސްޓްރަކްޗާ ކަމަށްވާ ފަޅު ކޮނުމާއި ތޮށިލުމާއި ޖެޓީ އަދި ފްލޯޓިން ޕޮންޓޫން ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ސަސް އީ ކޮންސްޓްރަކްޝަން ކިޔާ އަމިއްލަ ކުންފުންޏަކާ މިހާރު ވެސް ވަނީ ހަވާލުކޮށްފަ އެވެ. އަދި މެރީނާ އަޅަން ކަނޑައަޅާފައިވާ ސަރަހައްދުގެ ބިން ވެސް ވަނީ އެމްޕީއެލްއާ މިހާރު ހަވާލުކޮށްފަ އެވެ.   

އެމްޕީއެލް އިން ބުނީ މެރީނާ އޮޕަރޭޓްކުރަން ޝައުގުވެރިކަން ފާޅުކުރާ ފަރާތުން ޔޮޓްފަހަރަށް ބަނދަރު ކުރުމުގެ އެކި ހިދުމަތްތަކާއި ތެޔޮ އެޅުމުގެ ހިދުމަތާއި ކަރަންޓާއި ފެނުގެ ހިދުމަތުގެ އިތުރުން ކުނި މެނޭޖްކުރުމާއި މަރާމާތުކުރުމުގެ ހިދުމަތްތައް ދޭން ޖެހޭނެ ކަމަށެވެ. އަދި މެރީނާ ހޮޓާ/ރިސޯޓް އާއި ކެފޭ/ރެސްޓޯރަންޓާއި ފިހާރަތަކާއި ކްރޫ ފެސިލިޓީތަކާއި ވޯޓާ ސްޕޯޓްސް އަދި ވެލްނެސް ސެންޓަރުތައް ގާއިމްކުރުން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ. 

ބައިނަލްއަގުވާމީ ޔޮޓް ރޫޓްތަކުގައި އުލިގަން އިޝްތިހާރުކޮށް، ގްލޯބަލް ބްރޭންޑިން އަދި ޗާޓަރު ޕާޓްނަރުން ހޯދުމަކީ ވެސް ޔޮޓް މެރީނާ އޮޕަރޭޓު ކުރަން ހަވާލުވާ ފަރާތުގެ ޒިންމާއެއް ކަމަށް އެ އިއުލާނުގައިވެ އެވެ. 

ޔޮޓް މެރީނާ އޮޕަރޭޓްކުރަން ހަވާލުކުރަނީ ބިލްޑް އެންޑް އޮޕަރޭޓް އުސޫލުން ދިގު މުއްދަށް ކުއްޔަށެވެ. 

އީއޯއައި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 21 ވަނަ ދުވަހެވެ. 

ސަސް އީ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓް އެއްފަހަރާ ބަނދަރު ކުރެވޭ މެރީނާއެއް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ. އަދި މެރީނާއިން ޔޮޓްތަކަށް ބޭނުންވާ މައިގަނޑު ހިދުމަތްތައް ލިބޭނެ ކަމަށާއި އިމިގްރޭޝަނާއި ކަސްޓަމްސްގެ ހިދުމަތް ވެސް ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލް އިން ކުރިން ބުނެފައިވެ އެވެ. 

އުލިގަމަކީ ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް ބަނދަރުކުރާ މަންޒިލެވެ. އެހެންވެ، އުލިގަމަށް ހާއްސަ އިގުތިސާދީ މަސައްކަތެއްގެ ގޮތުގައި، ޔޮޓް މެރީނާއެއް ތަރައްގީކޮށް އެ ހިދުމަތް ފުޅާކޮށް، އިގުތިސާދީ ނަފާ ހޯދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވަނީ ބުނެފަ އެވެ.