ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ހެދުމަށް ބޭނުންވާ ބިމުގެ އެއްބަސްވުމުގައި އެމްޕީއެލް އާއި އުލިގަމު ކައުންސިލުން އިއްޔެ ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހުސެއިން ޝަފީގެވެ. އުލިގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަސަދުﷲ މުހައްމަދެވެ.
އެ ރަސްމިއްޔާތަށް ފަހު، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ސީއީއޯ ޝަފީގު ވިދާޅުވީ ޔޮޓު މެރީނާ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި މަހު ފަށާނެ ކަމަށެވެ.
"މިހެދޭ ޔޮޓް މެރީނާގައި ހިމެނެނީ ގާތްގަނޑަކަށް 18 ޔޮޓުގެ ޔޮޓް މެރީނާއެއް. ވަރަށް ސްމޯލް ސްކޭލެއް. މިކަން ނިންމުމަށް ފަހު މި މަޝްރޫއު އިތުރަށް ފުޅާވެގެންދާނެ. މިތަން ދުނިޔޭގެ ފެންވަރުގެ ތަނަކަށް ވެގެން ދިއުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް،" އެމްޕީއެލްގެ ސީއީއޯ ވިދާޅުވި އެވެ.
އުލިގަމު ކައުންސިލްގެ ރައީސް އަސަދުﷲ ވިދާޅުވީ، އެ ރަށުގައި ޔޮޓް މެރީނާއެއް ހެދުމަކީ ރައްޔިތުން ދެކެމުން އަައި ހުވަފެނެއް ކަމަށެވެ. އޭގެ ސަބަބުން ރަށުގެ އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިކޮނޮމިކް މިިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޔޮޓް މެރީނާގެ ސަބަބުން އުލިގަމާއި އުތުރު، ޔޮޓްތަކަށް ހާއްސަ ސަރަހައްދަކަށް ވެގެންދާނެ ކަމަށެވެ.
އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީ ކުރުމަށް އެމްޕީއެލް އާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އޮގަސްޓު 1، 2024 އެވެ.
އެމްޕީއެލްއާ އިއްޔެ ބިން ހަވާލުކުރީ ޔޮޓްމެރީނާ ހިންގަން ފަށާތާ ތިން އަހަރު ފަހުން ކުލި ނަގާ ގޮތަށެވެ.
ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އުލިގަމަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މުހިންމު މަގަކަށް ވާއިރު ގިނަ އަދަދެއްގެ ޔޮޓްތައް މިހާރު ވެސް އުލިގަމު ފަޅުގައި ބަނދަރުކުރެ އެވެ.
އަހަރަކު 100-150 ޔޮޓު އުލިގަމުގައި ބަނދަރު ކުރާއިރު، އެ ޔޮޓުތަކަށް އެކަށީގެންވާ ގޮތެއްގައި ހިދުމަތް ފޯރުކޮށްނުދެވޭ ކަމުގެ ކަންބޮޑުވުން އޮވެ އެވެ.