ޒަމާނީ ޔޮޓް މެރީނާއެއް ހއ.އުލިގަމުގައި ތަރައްގީކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަޔަކާ ހަވާލުކޮށްފި އެވެ.

އެމްޕީއެލްއިން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ސަސް އީ ކޮންސްޓްރަކްޝަންއާ އެވެ.

ނަމަވެސް މި މަސައްކަތުގެ އަގެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ. 

އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަލީ ހާޝިމެވެ. އަދި ސަސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުالله ސަވާދެވެ.

ސަސް އީ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއު ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓް އެއްފަހަރާ ބަނދަރު ކުރެވޭ މެރީނާއެއް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ. އަދި މެރީނާއިން ޔޮޓްތަކަށް ބޭނުންވާ މައިގަގނޑު ހިދުމަތްތައް ލިބޭނެ ކަމަށާއި އިމިގްރޭޝަނާއި ކަސްޓަމްސްގެ ހިދުމަތް ވެސް ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ. 

އެމްޕީއެލް އިން އަންނަނީ ޔޮޓް މެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްގީ ކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތްތައް ވެސް ކުރަމުން ކަމަށް އެ ކުންފުނިން ބުންޏެވެ. 

އުލިގަމަކީ ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް ބަނދަރުކުރާ މަންޒިލެވެ. އެހެންވެ، އުލިގަމަށް ހާއްސަ އިގުތިސާދީ މަސައްކަތެއްގެ ގޮތުގައި، ޔޮޓް މެރީނާއެއް ތަރައްގީކޮށް އެ ހިދުމަތް ފުޅާކޮށް، އިގުތިސާދީ ނަފާ ހޯދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވަނީ ބުނެފަ އެވެ.