މި ދުވަސްވަރު މުޅި ރާއްޖެއަށް ވެސް އާދަޔާ ހިލާފަށް ހޫނު ގަދަވެފައި ވާއިރު އެކަމާ ގުޅިގެން ދިމާވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަން އެޗްޕީއޭއިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ އެޖެންސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ހޫނު ގަދަވުމުން ހީޓް ސްޓްރޯކް ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ދިމާވެދާނެ ކަމަށެވެ. ހީޓް ސްޓްރޯކްގެ އަލާމާތްތަކުގެ ތެރޭގައި މޫނުމައްޗަށް އަނދިރިވެ ވާނުވާ އޮޅުންބޮޅުންވުމާއި ހަށިގަނޑު ވަރަށް ބޮޑަށް ހޫނުކޮށް ހުރުމާއި ހަންގަނޑު ރަތްވުމާއި ވިންދު އަވަސްވުން ހިމެނެ އެވެ.
ހީޓް ސްޓްރޯކެއްގެ އަލާމާތްތައް ފެންނަ ނަމަ އަވަހަށް އިމަޖެންސީ ސާވިސްގެ ހޮޓްލައިން 100 އަށް ގުޅައި އެކަން އެންގުމާ އެކު، ހިޔާވާ ތަނަކަށް މީހާ ގެންދިއުމާއި ހަށިގަނޑު މާބޮޑަށް ބަންދުވާ ގޮތަށް ހުރި ނަމަ ފިނިވާނެ ގޮތަކަށް އަންނައުނު ލުއިކޮށްލުމާއި ހަށިގަނޑުގައި ފިނި ނުވަތަ ތެތް ފޮތި އެޅުމާއި އަނގައިން އެއްވެސް ބުއިމެއް ފަދަ އެއްޗެއް ނުދިނުން މުހިންމުކަން އެޗްޕީއޭ އިން ފާހަގަކުރި އެވެ.
ގަދަ ހޫނުގެ ސަބަބުން ދިމާވާ އެހެން ސިއްހީ މައްސަލަތަކުގައި ވީ އެންމެ އަވަހަކަށް އިމަޖެންސީ ހިދުމަތަށް އެދި ގުޅުމާއި ހިޔާވާ ތަނަކަށް ގެންދިއުމާއި ހަށިގަނޑު ފިނިކުރުމާ އެކު، ހޭވެރިކަން ހުރި ނަމަ ފެން ބޯންދިނުމަށް އެޗްޕީއޭގެ އިރުޝާދުގައި ބުނެފައިވެ އެވެ.
މާލެ ސަރަހައްދުގައި މިއަދު އިހުސާސްކުރެވޭ ހޫނުމިން ހުރީ 33-34 ޑިގްރީ ސެލްސިއަސްގަ އެވެ.
މިއަދު މާލެ އާއި ހަނިމާދުއަށް 35 ޑިގްރީ ސެލްސިއެސް އަށް ހޫނު ގަދަވާނެ ކަމަށް ލަފާކޮށްފައި ވާއިރު ކައްދުއަށް 36.8 ޑިގްރީ ސެލްސިއަސް އަށް ހޫނުވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ. އަދި ކާޑެެއްދުއަށް 37.3 އަދި އައްޑުއަތޮޅު ގަމަށް 34.8 ޑިގްރީ ސެލްސިއަސް އަށް ހޫނުވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.