ޑިޕްރެޝަން ނުވަތަ "މޭޖާ ޑިޕްރެސިވް ޑިސްއޯޑާ"އަކީ ތަފާތު އަލާމާތްތަކެއް ހުރި ސީރިއަސް ބައްޔެއް ކަމަށާއި އެއީ ނަފްސުގެ ބަލިކަށިކަމުން ނުވަތަ އަގީދާ ނެތިގެން ކުރިމަތިވާ ކަމެއް ނޫން ކަމަށް މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ބުނެފި އެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި އިއްޔެ ބޭއްވި ޖަލްސާއެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ދެއްކެވި ވާހަކައަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް މެޑިކަލް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޑިޕްރެޝަނަކީ ދިރިއުޅުމުގެ ކަންކަން ހުއްޓުމަކަށް ގެންނަ ވަރުގެ ބޮޑެތި އުނދަގޫތަކާއި މައްސަލަތައް ތަހައްމަލްކުރަން ޖެހޭ ބައްޔެއް ކަމަށެވެ.

ސިއްހީ ދާއިރާ އިން މި އަހަރަށް ކަނޑައަޅާފައިވާ "މާޔޫސްވުމުގެ ބަލި، މި ވާހަކަ ދައްކަމާ ހިނގާ" ޝިއާރުގެ ދަށުން ބޭއްވި ޖަލްސާގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައި ވަނީ "ޑިޕްރެޝަނަށް އިންސާނަކު ހުށަހެޅިގެންދާ އެންމެ މައިގަނޑު އެއް ސަބަބަކީ އޭނާގެ އަގީދާ ބަލިކަށިވުމާއި އަދި ހަމަ އެއާ އެކީގައި އޭނާ އަށް ގަބޫލުކުރެވޭ ގަބޫލުކުރެވުންތަކާ އެކީގައި އޭނާ އަށް ދީނުގައި އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރުމަށް ފަސްޖެހިފައިވުން" ކަމަށެވެ.

ނަމަވެސް އެމްއެމްއޭގެ ބަޔާނުގައި ވަނީ ޑިޕްރެޝަން ޖެހެނީ "ޖެނެޓިކް، ބަޔޯކެމިކަލް، ނަފްސާނީ އަދި ތިމާވެށީގެ ކަންތައްތަކެއް އެކުވެގެން" ކަމަށާއި "އާއްމު ގޮތެއްގައި އެފަދަ ކަންކަމަށް މަގުފަހިވަނީ ދިރިއުޅުމުގައި ކުރިމަތިވާ ނޭދެވޭ ކަންތައްތަކުގެ ސަބަބުން" ކަމަށެވެ.

"ޑިޕްރެޝަނަކީ ފަރުވާ ބޭނުންވާ ބައްޔެކެވެ. މި ބައްޔަށް ފަރުވާ ދެނީ ބަލީގެ ކުޑަބޮޑުމިނަށް ބަލައިގެންނެވެ. އޭގެ ތެރޭގައި ބައްޔާ ބެހޭ ގޮތުން މައުލޫމާތު ދިނުމާއި، ނަފްސާނީ ފަރުވާ އަދި ކަސްރަތުކުރުމާއި ވަކި ކަހަލަ އާދަތަކެއް ގެންގުޅުމާއި އިޖުތިމާއީ ބައިވެރިވުން ފަދަ ކަންކަމުގެ އިތުރުން ބޭސް ފަރުވާ ހިމެނެ އެވެ،" ބަޔާނުގައިވެ އެވެ.

"އެހެނިހެން ބަލިތަކެކޭ އެއްފަދައިން، ޑިޕްރެޝަނުން ސަލާމަތްވުމުގައި ވެސް، ރޫހާނީ ބައި އަދި އަޅުކަން މުހިއްމު ދައުރެއް އަދާކުރެ އެވެ."

ސިއްހަތު ދުވަސް ފާހަގަކުރުމަށް ޑަބްލިޔުއެޗްއޯ އާއި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ދަރުބާރުގޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ ނަފްސާނީ ބަލިތަކާ ބެހޭ ޕޮލިސީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު (މ) އިފްތިތާހުކޮށްދެއްވަނީ ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސިއްހަތު ދުވަސް ފާހަގަކުރުމަށް ޑަބްލިޔުއެޗްއޯ އާއި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ދަރުބާރުގޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ ނަފްސާނީ ބަލިތަކާ ބެހޭ ޕޮލިސީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު (މ) އިފްތިތާހުކޮށްދެއްވަނީ ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޑިފެންސް މިނިސްޓަރު ވިދާޅުވެފައި ވަނީ "މާޔޫސްކަމެއް ލިބޭ ހަމަ ކޮންމެ ވަގުތަކު ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރާ ނަމަ އޭނާ ހުންނާނީ ހިތްހަމަޖެހިފައި" ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުމެންގެ ގުޅުންތަކާއި އުޅުންތައް ރަނގަޅުކޮށް، އަޅުގަނޑުމެންނަކީ އިސްލާމްދީނުގެ އަގީދާގެ މަތީގައި ފުރިހަމަ އަށް ތިބޭ ބައެއް ކަމުގައި އަޅުގަނޑުމެން ހަދަމާހޭ؟ އެއަށް ފަހުގައި އަޅުގަނޑުމެން ޑިޕްރެޝަން އަށް ވާހަކަދައްކަމާތޯއޭ؟" އާދަމް ވިދާޅުވި އެވެ.

މިނިސްޓަރުގެ މި ވާހަކަ އަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ. ޑިޕްރެޝަން ތަޖުރިބާކޮށްފައިވާ ބައެއް މީހުން ބުނިގޮތުގައި ނަމާދުކުރުން ފަދަ ކަންކަމުން ހިތްހަމަޖެހުން ލިބުނަސް އެއީ މި ބަލީގެ ފަރުވާއެއް ނޫނެވެ. އަދި ގަވާއިދުން އަޅުކަންކޮށް އުޅޭ ހެޔޮލަފާ މީހުންނަށް ވެސް ޑިޕްރެޝަން ޖެހިފައިވާ ކަން ބައެއް މީހުން ފާހަގަކުރެ އެވެ.

މެޑިކަލް އެސޯސިއޭޝަނުން ބުނީ ޑިޕްރެޝަނަކީ ދިރިއުޅުމުގައި ދިމާވާ ކަންކަމުން އިހުސާސްކުރެވޭ އާއްމު ހިތާމަތަކާ މުޅިން ތަފާތު ކަމެއް ކަމަށެވެ.