މާލެ ކައިރީގައި އަޅާފައި އޮތް ދެ ބޯޓު އޮޔާ ގޮސް ރޭ ހިނގި ހާދިސާގައި ސިނަމާލެ ބްރިޖަށް ގެއްލުމެއް ނުލިބި ނުރައްކާތެރި ކާރިސާއަކުން ސަލާމަތްވީ ހަމަ ކިރިޔާ ކަމަށް އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހާދިސާގެ ސަބަބުން ބްރިޖަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް ބްރިޖު ބިނާކުރި ޗައިނާގެ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ (އެސްއެޗްއީސީ) ކުންފުނިން އިންސްޕެކްޝަންތައް ރެ އާއި މިއަދު ހެނދުނު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
"އަލްހަމްދުﷲ، ބުރިޖަށް ސްޓްރަކްޗުރަލް ގެއްލުމެއް ނުލިބޭ، ހަމައެކަނި ކޫރުންތަކެއް އެޅިފައި ހުރީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބްރިޖުގައި ހުރި ކޫރުންތައް ބަލައި، ޗައިނާގެ ހިލޭ އެހީގެ ދަށުން އެސްއެޗްއީސީއާ އެކު ވެވިފައިވާ މޮނިޓަރިން އާއި އިންސްޕެކްޝަން އަދި މެއިންޓެނަންސް އިންތިޒާމުގެ ދަށުން، އެކަށީގެންވާ މިންގަނޑުތަކަށް ފެތޭ ގޮތަށް އެ ކުންފުނިން މަރާމާތުތައް ކުރާނެ ކަމަށެވެ.
މާލެ ކައިރީގައި ކޮންޓްރޯލުން ނެއްޓިގެންދިޔަ ބޯޓުގެ ސަބަބުން ދެ ބުރިޖަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަދި އިތުރު މުހިންމު ވަސީލަތްތަކަށް ބޮޑު ގެއްލުމެއް ލިބުނީސް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ މުޅި މާލޭގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށްފާނެ ފަދަ ކާރިސާއެއް. އެހެންކަމުން، މިފަދަ ކަންކަމަށް ފިޔަވަޅު އަޅަންޖެހެނީ ކަމެއް ހިނގުމުގެ ފަހުންނެއް ނޫން. ކަމެއް ހިނގުމުގެ ކުރިން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުން ވަނީ މި ކަހަލަ ކަންކަމަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުކުރުމަށް އިސްނަގައިގެން މަސައްކަތްތަކެއް ފަށައިފަ އެވެ. .މިގޮތަށް ކޮންޓްރޯލުން ނައްޓައިގެންދާ ނުވަތަ ހަލާކުވެގެން އޮޔާދާ އުޅަނދުފަހަރު ބުރިޖާ ހަމައަށް ފޯރުމުގެ ކުރިން ހިފަހައްޓައި، ކަންކަން ކޮންޓްރޯލް ކުރެވޭނެ ކަހަލަ ބާރުގަދަ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް އެމްޕީއެލް އިން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެ ޓަގުބޯޓުތައް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ބަނދަރުތަކުގައި އުޅަނދުފަހަރު އަޅާފައި ބެހެއްޓުމުގެ އިންތިޒާމުތައް އިތުރަށް މުރާޖާއާކޮށް، ކޯސްޓްގާޑާއި އެހެނިހެން ކަމާބެހޭ އިދާރާތަކާ އެކު ކުއްލި ހާލަތްތަކުގައި މުއާމަލާތުކުރުމާއި ފިޔަވަޅު އަޅާނެ ސާފު އުސޫލުތަކެއް އެކުލަވާލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު" އިން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، އައިއެމްއޯ ނަންބަރެއް ރަސްމީކޮށް ދޫކޮށްފައި ނުވާ "އޭއެލް 1" ނަމަކަށް ކިޔާ ބޯޓަކާއި ޓޯގޯގައި ރަޖިސްޓްރީކޮށްފައިވާ "އެމްޓީ ކޭޖީ 1" ނަމަކަށް ކިޔާ އެހެން ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައި ވަނީ މިދިޔަ އެޕްރީލް މަހު 26 ގަ އެވެ.
އޯމާންގެ ޝިނާސް އިން ފުރައިގެން އިންޑިއާގެ ކަންޑްލާއަށް ދަތުރުކުރާ ކަމަށް ބުނާ އެ ދެ ބޯޓު، މާލެ ކައިރީގައި، އެއްވެސް ފަރާތަކަށް އެނގުމެއް ނެތި ހަފުތާއެއްހާ ދުވަހު އަޅާފައި އޮތެވެ. ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކަށް އެ ބޯޓުތައް ފާހަގަކުރެވުނީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު އެވެ.
ރައީސް އޮފީހުގެ އިސްތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެކަން ކަށަވަރު ވެސް ކޮށްދީފައިވެ އެވެ.
ދޫނިދޫ އާއި މާލެއާ ދެމެދު އަޅާފައި އޮތް ބޯޓުތައް ރޭ 10 ޖަހާކަށްހާއިރު އޮޔާދިޔައީ އައި ބާރުގަދަ ކޮޅިގަނޑުގައި ނަގިލި ކަނޑައިގެން ގޮސްގެންކަން ވަނީ އެނގިފަ އެވެ. އޮޔާ ގެންގޮސް އެ ބޯޓު އެންމެ ފުރަތަމަ އުރުނީ ކާނިވާ ސަރަހައްދުގެ ބޭރުން މާލޭގެ ފަރުމައްޗަށެވެ. އޭގެ ފަހުން، އޮޔާ ގެންގޮސް ސިނަމާލެ ބްރިޖުގައި ވެސް ޖެހުނެވެ.