މިސްކިތަށް ގެއްލުން ދީގެން މީގެ ކުރިން ވެސް ހައްޔަރުކުރި މީހަކު، މާލޭގެ މިސްކިތަށް ބޮޑުކަމުގޮސްގެން އަނެއްކާ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުރުގާން މިސްކިތަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު 4:41 ހާއިރު ވަދެ، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގައި، އެ ތަނުގެ ތެރެއަށް ގަޟާހާޖާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ގ. މާލެހިޔާ 2 02-13، މާލެ، ނައުޝާދު މޫސާ، 32، ކަމަށެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.
ހަތިމުތައް އުކާލައި މިސްކިތަށް ގެއްލުންދީގެން މީގެ ކުރިން ވެސް ނައުޝާދު ހައްޔަރުކުރި އެވެ.
އެފަހަރު އޭނާ ހައްޔަރުކުރީ ފުރުގާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި އެ މިސްކިތަށް ގެއްލުން ދީ އަދި ކަރަންޓު ބޯޑުތަކެއް ހަލާކުކޮށްލުމުންނެވެ. އޭގެ ފަހުން، މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި ވެސް ހައްޔަރުކުރި އެވެ.
ނަމަވެސް، އެއިން އެއްވެސް މައްސަލައެއްގައި ނައުޝާދުގެ މައްޗަށް ދައުވާކުރި ކަމެއް ސާފެއްނުވެ އެވެ.