ރޯދަމަހުގެ ފަހު 10 ގައި އުމްރާގެ އަޅުކަމަށް ގެންދިއުމަށް މީހުންގެ އަތުން ފައިސާ ނަގައި އެންމެ ފަހު ވަގުތު ދަތުރު ކެންސަލްކުރި އަބްރާރު ގްރޫޕުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ރޯދަ މަހު އުމްރާއަށް މީހުން ގެންދިއުމަށް ގްރޫޕަކުން ފައިސާ ނެގުމަށް ފަހު، ދަތުރު ކެންސަލްކޮށްފައިވާ ކަމުގެ ޝަކުވާއެއް މިމަހުގެ 4 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެހެންވެ، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ބުންޏެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ. އެހެންވެ، އެ މައްސަލަ ހުށަހެޅީ އިސްލާމިކް މިނިސްޓްރީން ކަމެއް ނުވަތަ އަމިއްލަ ފަރާތަކުން ކަމެއް ވެސް ސާފެއް ނުވި އެވެ.
އެ މައްސަލާގައި އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަބްރާރް ގުރޫޕުގެ ހަވާލުގައި އުމްރާއަށް ފުރުމަށް ހަމަޖެއްސި 110 މީހުންގެ ދަތުރު ކެންސަލްކުރީ މަގުބޫލު ސަބަބެއް ނެތިކަން މިހާތަނަށް ބެލިބެލުމުން އެނގެ އެވެ. އެހެންވެ، އެ ގުުރޫޕަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
މިނިސްޓްރީން ބުނީ، އަބްރާރު ގުރޫޕުން އަމަލުކުރި ގޮތާ ގުޅޭ މައްސަލަ އިތުރަށް ބަލައި، އުސޫލުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެ ކުންފުންޏާ ދެކޮޅަށް އަޅާނެ ކަމަށެވެ.
އުމްރާގެ އަޅުކަމަށް ދިއުމަށް އެ ގްރޫޕުން މީހެއްގެ އަތުން 45،000ރ. ނަގާފައިވެ އެވެ. އެކަމަކު ފުރަން އޮތް ދުވަހުގެ މެންދުރެއްހާއިރު އެ ގްރޫޕުން އަންގާފައި ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް ވާނެ ގޮތެއް ނޭނގޭތީ ފުރުން ކެންސަލްވި ކަމަށެވެ.
އެކަމަކު ފައިސާ ދެއްކި މީހުން ތުހުމަތުކުރާ ގޮތުގައި ރޯދަ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އާއި ވިސާ އާއި ހޮޓަލަށް ވެސް ފައިސާ ވެސް ނުދައްކަ އެވެ.
އެ މައްސަލަ ފެންމަތިވުމުން އެ ގްރޫޕުން ވަނީ ޓިކެޓު ފައިސާ ކެނޑުމަށް ފަހު ބާކީ ރިފަންޑު މީހުންނަށް ދޭން ފަށައިފަ އެވެ. އެ ގްރޫޕުން ބުނާ ގޮތުގައި ޓިކެޓު ނަގައި ހޮޓެލް ބުކިން ވެސް ވަނީ ހަދައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ރޭ ވަނީ އުމްރާ އަށް ނުފުރި ތިބި 164 މީހުން ހައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަން އެއާލައިންގެ މަތިންދާބޯޓެއް ޗާޓަރު ކޮށްގެން ފުރުވާލައިފަ އެވެ. އެ މީހުން މައްކާގައި ތިބުމުގެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.