ރ. އިނގުރައިދުއަށް ބޯކޮށް އިއްޔެ ވާރޭވެހި 30 ގެއަކަށް ފެންވަދެ އޭގެ ތެރެއިން 15 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭ އިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ.
އެގޮތުން އިއްޔެ އިނގުރައިދޫގައި ފެންބޮޑުވެ، ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކައުންސިލާ ހަވާލާދީ އެންޑީއެމްއޭ އިން ބުންޏެވެ.
އެ އޮތޯރިޓީން ބުނީ ގޭގެއަށް ފެން ވަނުން ހުއްޓުވަން ވެލިބަސްތާ ޖެހުމާ ފެން ހިއްކުމުގެ މަސައްކަތް ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
ފެންބޮޑުވުމުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އުތުރުގެ ރަށްތަކުގެ ތެރެއިން ރ. ރަސްމާދު އާއި އިނގުރައިދޫގެ އިތުރުން ޅ. ނައިފަރުގެ ބޮޑު ސަރަހައްދެއްގައި ވެސް ފެންބޮޑުވެފައި ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތައް އަންނަނީ ހިނގަމުންނެވެ. ދެކުނުގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ އައްޑޫގެ އެތަކަށެވެ.