ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިލޭ ގުޅޭނެ ހާއްސަ ނަމްބަރެއް ތައާރަފްކޮށްފި އެވެ.
ޔޫތު މިނިސްޓްރީން ތައާރަފުކުރި "1456" ގެ ބޭނުމަކީ ކޮންމެ ޒުވާނަކަށް ވެސް އެެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާ އެކު ކައުންސިލިން އާއި ނަފްސާނީ ސިއްހަތުގެ އެހީތެރިކަމާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ދިނުމެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ ހޮޓްލައިން މެދުވެރިކޮށް ވަކިވަކި ފަރުދުންނާއި އާއިލާތަކަށް ބޭނުންވާ ކައުންސިލިންގެ ހިދުމަތާއި ނަފްސާނީ ކުއްލި އެހީތެރިކަމާއި ސިއްހީ ސްކްރީނިން ހިދުމަތް ލިބޭނެ އެވެ. އަދި ދިރިއުޅުމުގެ ހުނަރުތަކާއި ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކާއި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅުންހުރި އިތުރު އެހީތެރިކަން ވެސް ލިބިގެންދާނެ އެވެ.
އެ ހިދުމަތްތައް ލިބޭނީ ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 2:00 އާ ދެމެދު އެ ނަމްބަރަށް ގުޅައިގެން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން "1677" މެދުވެރިކޮށް ދަނީ 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ޔޫތު މިނިސްޓްރީގެ ދަށުން ހިންގާ ޔޫތު ހަބުގައި ގާއިމްކޮށްފައިވާ ހެޕިނެސް ލައުންޖު މެދުވެރިކޮށް ވެސް ކައުންސިލިންގެ ހިދުމަތް ހިލޭ ފޯރުކޮށްދެ އެވެ.