ކައްކާ ގޭހުގެ ވިޔަފާރި ހިންގަން ގދ. ތިނަދޫން ގަވާއިދާ ހިލާފަށް ބިންތަކެއް ދޫކޮށް، ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ތުހުމަތުގައި މިހާރުގެ މޭޔަރު ސައުދު އަލީ އާއި ކުރީގެ ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީގެ އޮފީހަށް ފޮނުވަން ނިންމައިފި އެވެ. 

އޭސީސީން ބުނީ އެ ހަތަރު މީހުންގެ މައްޗަށް ކުރުމަށް ނިންމާފައިވަނީ ގާނޫނުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

ދައުވާކުރަން ފޮނުވަން ނިންމީ

  1. ތިނަދޫގެ މިހާރުގެ މޭޔަރު ސައުދު އަލީ 
  2. އައިމިނަތު ނަސީމާ 
  3. އަހުމީމާ އަހްމަދު
  4. އައިޝަތު ލިއުޝާ ޒުބައިރު

އޭސީސީން ބުނީ "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" ގައި ބީލަމަށް ހުޅުވާ ނުލައި ތިނަދޫން ސިނާއީ ނުވަތަ ވިޔަފާރީގެ ބޭނުމަށް ބިން ދޫނުކުރެވޭނެކަން ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ. އެކަމަކު އަމިއްލަ ކުންފުންޏަކުން ހުށަހެޅުމުން ބިން ދޫކުރީ އެ އުސޫލާ ހިލާފަށް ކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުންޏެވެ. 

އޭސީސީން ބުނި ގޮތުގައި ބިން ދޫކުރުމުގެ ނިންމުން ނިންމީ، ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގަ އެވެ. އިއުލާންކުރުމަކާ ނުލައި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން ބިން ދޫކުރުމަށް ތިން ކައުންސިލަރުން ތާއީދުކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ. 

ނޮވެމްބަރު 1، 2023 ގައި އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސައުދު ސޮއިކުރައްވާފައިވާއިރު، ގަވާއިދާ ހިލާފަށް ދޫކުރަން ނިންމި އެއް ބިމުގެ އިތުރުން، 2000 އަކަފޫޓުގެ އިތުރު ތިން ބިން ވެސް އެ ކުންފުންޏަށް ގަވާއިދާ ހިލާފަށް ނާޖާއިޒު ގޮތުގައި ދޫކޮށްފައިވާ ކަމަށް އޭސިސީން ބުންޏެވެ.

އޭސީސީން ބުނި ގޮތުގައި މައްސަލައިގެ ތަހުގީގު ނިންމައި ކުރިއަށް އޮތީ ޖިނާއީ ދައުވާކޮށްދޭން ފޮނުވުމުގެ މަރުހަލާ އެވެ. 

ސައުދުގެ މައްޗަށް ދައުވާކޮށްދޭން ޕީޖީއަށް ފޮނުވަން ނިންމިއިރު، ތިނަދޫގެ އާބާދީ އޮޅުވާލައިގެން ސިޓީގެ ދަރަޖަ ހޯދުމަށް ލިޔުން ފޮނުވި ކަމަށް ބުނާ މައްސަލާގައި ސައުދުގެ މައްޗަށް މިހާރު ވެސް ދައުވާކޮށްފައިވެ އެވެ.

ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ ސައުދުގެ މައްޗަށް ކުރިއިރު، އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ. އަދި ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އަތުވެއްޖެނަމަ، މޭޔަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.