އެމްޑީޕީއަށް ބިމެއް ދޫކުރުމުން ތިނަދޫ ކުރީގެ ކައުންސިލަރަކަށް ދައުވާކުރަން ފޮނުވައިފި

ގދ. ތިނަދޫން އެމްޑީޕީއަށް ބިމެއް ދޫކުރި މައްސަލާގައި އެ ރަށު ކައުންސިލްގެ ކުރީގެ ރައީސްގެ މައްޗަށް ޖިނާއީ ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.


ތިނަދޫގައި އެމްޑީޕީގެ ހަރަކާތްތައް ހިންގަން ނޮވެމްބަރު، 2011 ގައި އެ ޕާޓީއަށް 4،000 އަކަ ފޫޓުގެ ބިމެއް ދޫކުރީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ރަށު ކައުންސިލުންނެވެ.

މައްސަލަ ބެލުމަށް ފަހު އޭސީސީން ނެރުނު ބަޔާނެއްގައި ވަނީ ބިން ދޫކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެއީ އެ ކައުންސިލްގެ އޭރުގެ ރައީސް އަހުމަދު ނަސީރު ނިސްބަތްވި ޕާޓީއަށް ނާޖާއިޒް ފައިދާއެއް ހޯދައިދޭން ކޮށްފައިވާ ކަމެއް ކަމަށެވެ. އެހެންވެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާ ނަސީރުގެ މައްޗަށް ކުރަން ފޮނުވީ ކަމަށް ބަޔާނުގައިވެ އެވެ.

އޭސީސީގެ ބަޔާނުގައި ވަނީ 15،000 މެމްބަރުން ތިބި ޕާޓީތަކުގެ އޮފީސް އެޅުމަށް ތިނަދޫން ބިން ދޫކުރަން ކައުންސިލްގައި މަޝްވަރާ ކުރި ނަމަވެސް އެމްޑީޕީއަށް ބިމެއް ދޭން އެ ކައުންސިލްގައި މަޝްވަރާކޮށް، ނިންމާފައިވާ އެއްވެސް ނިންމުމެއް ފެންނަން ނެތް ކަމަށެވެ. އެކަމަކު އެމްޑީޕީއަށް ބިން ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި އޮތީ ކައުންސިލްގެ އޭރުގެ ރައީސް ނަސީރު ކަމަށް ބަޔާނުގައިވެ އެވެ.

ޕާޓީތަކަށް ބިން ދޭން ކައުންސިލްގައި މަޝްވަރާކޮށްފައި އޮތަސް ބިމާ ބެހޭ ގާނޫނު އޮންނަ އޮތުން ބިމާ ބެހޭ ސިޔާސަތަކީ ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅާ ސިޔާސަތެއް ކަމަށް ވާތީ ސިޔާސީ ޕާޓީތަކަށް ބިން ދޭން ކައުންސިލަށް ނުނިންމޭނެ ކަމަށް އޭސީސީން ބުންޏެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން، އެއްވެސް ޕާޓީއަކަށް ބިމެއް ދޭންޖެހޭނެ ކަމަށް އެއްވެސް ގާނޫނެއްގައި ނުވަތަ އުސޫލެއް ބަޔާންކޮށްފައި ނެތްއިރު، އެ ގާނޫނު އައުމުގެ ކުރިން އެމްޑީޕީއަށް އެ ބިން ދޫކޮށްފައިވާ ކަން އޭސީސީން ފާހަގަކޮށްފައިވެ އެވެ. އަދި ޕާޓީތަކުގެ ގާނޫނު އޮތްގޮތުން ވެސް ޕާޓީތަކަށް ބިން ދޭންޖެހެނީ މާލެއިން އެކަނި ކަން އޭސީސީން ބުންޏެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ ދަށުން ބިން ދޫކުރުމުގެ އުސޫލަށް ބަލާއިރު ވެސް ދިރިއުޅުމަށް ފިޔަވައި އެހެން ބޭނުންތަކުގައި ބިން ދޫކުރަންޖެހޭނީ އިއުލާންކޮށްގެން ކަމަށްވާއިރު، އެމްޑީޕީއަށް އެ ބިން ދޫކުރީ އިއުލާން ނުކޮށް ކަމަށް ވެސް އޭސީސީން ބުންޏެވެ.

ސިޔާސީ ޕާޓީތަކަށް އަތޮޅު ތެރެއިން ބިން ދޫކުރުން ހުއްޓާލަން ސަރުކާރުން ވަނީ ކައުންސިލްތަކަށް އަންގައިފަ އެވެ.