އަތުލިޔުމުގެ ފުރަތަމަ ގައުމީ މުބާރާތެއް ބޭއްވުމަށް ދިވެހި ބަހުގެ އެކަޑަމީ އިން މިއަދު ހުޅުވާލައިފި އެވެ.
އެ އެކަޑަމީން ބުނީ މިއީ ދިވެހި ބަހާއި ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންނާއި އާންމުންގެ ހިތްތަކުގައި އޮންނަ ލޯތްބާއި ޝައުގުވެރިކަން އިތުރުކުރުމަށާއި ރީތިކޮށް ތާނަ ލިޔާ މީހުންގެ އަގުވަޒަންކޮށް، ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. އަދި ތާނަ އަކުރު ލިޔުމުގައި އުފެއްދުންތެރިކަމާއި އީޖާދީ ގޮތްތައް ނެރުމަކީ ވެސް މި މުބާރާތުގެ މަގްސަދު ކަމަށް އެކަޑަމީން ބުންޏެެވެ.
މީގެ ކުރިން ވެސް އެކަޑަމީން ވަނީ އަތުލިޔުމުގެ މުބާރާތް ބާއްވައިފަ އެވެ. އެކަމަކު މިއީ ގައުމީ މުބާރަތަކަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.
ބަހުގެ އެކަޑަމީން ބުނީ އަލީ ފަހުމީގެ ވާދައިގެ ތައްޓަށް ބާއްވާ އަތުލިޔުމުގެ ފުރަތަމަ ގައުމީ މުބާރާތުގައި ދެ ގިންތިއަކަށް ކަމަށެވެ. އެއީ އޮފީސްތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ކެޓަގަރީ އެވެ.
އެކަޑަމީން ބުނި ގޮތުގައި މުބާރާތުގައި ހިމެނެނީ ތިން ބައެކެވެ. އެއީ ރީތި ލިޔުމާއި އަވަސް ލިޔުން އަދި އަތްތެރި ލިޔުމެވެ. އެ އިން ކޮންމެ ބަޔަކަށް ވެސް 100 ޕޮއިންޓާ ހަމައަށް މާކްސް ލިބޭނެ އެވެ.
ދިވެހި ބަހުގެ އެކަޑަމީން ކުރި އިއުލާނެއްގައި ބުނީ މުބާރާތުގައި ބައިވެރިވާ ކޮންމެ އޮފީހަކުން ވެސް މުބާރާތް ބަހާފައިވާ މައިގަނޑު ތިން ބައިގެ ތެރެއިން ކޮންމެ ބަޔަކަށް ވެސް ގިނަވެގެގެން ބައިވެރިކުރެވޭނީ ފަސް މުވައްޒަފުންނެެވެ. އަމިއްލަ ފަރުދުންގެ ބައިން ބައިވެރިވެވޭނީ ޑިސެމްބަރު 31، 2025 އަށް 18 އަހަރު ފުރިފައިވާ މީހުންނަށެވެ.
އެ މުބާރާތުގައި ބައިވެރިވާން ދީފައިވާ ފަހު ތާރީހަކީ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ މެންދުރު 1:00 އެވެ. މުބާރާތުގައި ބައިވެރިވެވޭނީ ގޫގުލް ފޯމެއް މެދުވެރިކޮށެވެ.
މުބާރާތުގެ ކޮންމެ ބަޔަކުން ވެސް އެއް ވަނައަށް ހޮވޭނީ 75 ޕަސެންޓް ނުވަތަ އެ އަށް ވުރެ މަތިން މާކްސް ލިބިފައިވާ ލިޔުންތަކުގެ ތެރެއިން އެންމެ ގިނަ މާކްސް ލިބޭ ލިޔުމަކަށެވެ. އެއްވެސް ލިޔުމަކަށް އެ ވަރަށް ވުރެ މަތިން ނުލިބޭ ނަމަ އެއްވަނައަށް އެއްވެސް ލިޔުމެއް ނުހޮވޭނެ އެވެ.
މުބާރާތުގައި ދެވަނަ ލިބޭނީ 65 ޕަސެންޓް ނުވަތަ އެއަށް ވުރެ މަތިން މާކްސް ލިބިފައިވާ ލިޔުމަކަށެވެ. ތިން ވަނައަށް ހޮވޭނީ 55 ޕަސެންޓް ނުވަތަ އެ އަށް ވުރެ މަތިން މާކްސް ލިބިފައިވާ ލިޔުމަށެވެ.
މާކްސް ދިނުމުގައި އަކުރުތަކާއި ފިލިތައް ލިޔެފައި ހުންނަ ގޮތާއި އަކުރުގެ ދުރުމިނާއި ލަފްޒުތަކުގެ ދުރުމިނަށް ވެސް ބަަލައި މާކްސް ކަނޑައަޅާފައިވެ އެވެ.
މުބާރާތުގެ ގަވާއިދާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔުންތައް އެކަޑަމީގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު އެކަޑަމީގެ ނަމްބަރު 7772816 އިން ލިބޭނެ ކަމަށް ބުންޏެވެ.