ދިވެހި ބަހުގެ އެކެޑަމީގެ އާ ރައީސަކަށް ޑރ. އަޝްރަފް އަބްދުއްރަހީމް މިއަދު އިންތިހާބުކޮށްފި އެވެ.
އެ މުއައްސަސާގެ އާ ރައީސަކަށް ދަފްތަރު ނަމްބަރު 1901 ޑރ. އަޝްރަފް އިންތިހާބުކުރީ، ކުރީގެ ރައީސް އަޝްރަފް އަލީ ހިމެނިވަޑައިގަންނަވާ ގޮތަށް އިތުރު ދެ މެމްބަރެއްގެ ދައުރު ހަމަވާތީ، އެ ބޭފުޅުންގެ ބަދަލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިން ބޭފުޅަކު މިއަދު އައްޔަން ކުރެއްވުމާ ގުޅިގެން އެކަޑެމީގެ އާ ރައީސާއި ނައިބު ރައީސަކު ކަނޑައަޅަން ބޭއްވި އިންތިހާބުގަ އެވެ.
މި ފަހަރު ދައުރު ހަމަވީ ކުރީގެ ރައީސް އަޝްރަފް އަލީގެ އިތުރުން ނައިބު ރައީސް ރާފިއާ އަބްދުލްގާދިރު އަދި މުހައްމަދު ޝާހިދު ހަލީމްގެ އެވެ.
އަޝްރަފް އަލީ އާއި ރާފިއާގެ ބަދަލުގައި އެކެޑަމީ އަށް އަލަށް އައްޔަން ކުރެއްވީ ޑރ. އަޝްރަފްގެ އިތުރުން ޅ. ކުރެންދޫ ނޫރަންގޭ، ޒުލްފާ އިބްރާހިމެވެ. މުހައްމަދު ޝާހިދު ހަލީމް އަލަށް އައްޔަން ކުރެއްވި ނަމަވެސް މިދިޔަ ދައުރުގައި ވެސް އޭނާ ހުންނެވީ އެކެޑަމީގެ މެމްބަރަކަށެވެ.
އެކެޑަމީގައި މިހާރު ތިއްބެވި ފަސް މެމްބަރުންގެ މެދުގައި މިއަދު ނެގި ސިއްރު ވޯޓުގައި އެ ތަނުގެ އާ ރައީސަކަށް އަޣުލަބިއްޔަތު ވޯޓުން އިންތިހާބުކުރީ ޑރ. އަޝްރަފެވެ. ނައިބު ރައީސަކް އިންތިހާބުކުރީ ޒުލްފާ އެވެ.
އެކެޑަމީގައި މިހާރު ދައުރު ނުނިމި ތިއްބެވީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި ކުރީގެ މިނިސްޓަރު އަބްދުއްރަޝީދު ހުސައިނާއި އިޔާޒު ނަސީމެވެ.
އެކެޑަމީގެ އާ ރައީސް ޑރ. އަޝްރަފަކީ ސަން މީޑިއާގެ އާ ސީއޯއޯއެވެ. އޭނާ އަކީ ދިވެހި ބަހާއި އަދަބިއްޔާތަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެއް ވެސް މެ އެވެ.