ދިވެހި ބަސް ކުރިއަރައި ދިޔަ ގޮތާ ގުޅޭގޮތުން ރައީސަށް ފޮތެއް

ދިވެހި ބަސް އުފެދި، ވޭތުވެދިޔަ ދުވަސްތަކުގައި ބަސް ކުރި އަރައިގެން ދިޔަ ގޮތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފޮތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ހަދިޔާ ކުރައްވައިފި އެވެ.


ޖަރުމަނުގެ މީހަކު ދިވެހި ބަހާ ގުޅޭގޮތުން ހަދާފައިވާ އޭނާގެ ޕީއެޗްޑީ ތީސީސް، ދިވެހި ބަހަށް ތަރުޖަމާކޮށް ރައީސަށް ހަދިޔާ ކުރެއްވީ ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުންނެވެ. މިއީ މި ތަރުޖަމާގެ ފުރަތަމަ ބަ އެވެ.

ސޮންޔާ ފްރިޓްޒް ނަމަކަށް ކިޔާ އެ މީހާ، މި ތީސީސް ހަދާފައި ވަނީ 2002 ވަނަ އަހަރު އެވެ. އޭނާގެ މި ދިރާސާގައި އެވޭލާ އަކުރާއި ދިވެސް އަކުރާއި ތާނައިން ލިޔެކިޔުމުގައި ބޭނުންކޮށްފައިވާ ހަމަތައް ދިރާސީ ގޮތެއްގައި ގެނެސް ދީފައިވެ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަ ބަހުރުވަތައް އުފެދިގެން އައި ގޮތާއި މައި ބަހާއި އެހެން ބަހުރުވަތައް އެ ބަހާ ހުރި ގުޅުންތައް މި ފޮތުގައި ތަފްސީލުކޮށް ގެނެސްދީފައި ވެ އެވެ.

މި ފޮތުގައި ވާގޮތުން، ދިވެހި ބަސް އުފެދުމުގައި މާލެ އާއި އައްޑު އާއި ފުވައްމުލަކުގައި ވާހަކަ ދައްކަމުން އައި ބަހުރުވަތަކުގެ ނުފޫޒު ބޮޑެވެ. އަދި ދިވެހި ބަހާއި ސިންހަޅަ ބަހާއި ހުރި ގުޅުން ވެސް ފޮތުގައި ތަފްސީލުކޮށް ގެނެސްދީފައި ވެ އެވެ.

ތަރުޖަމާކޮށްފައިވާ މި ފޮތް ރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި ވެސް ކިޔަވައިދެ އެވެ.