ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އިން ފެންނަނީ ޓޯކޮށް، ވެރިފަރާތަށް ދިން މުއްދަތުގައި ހަވާލުނުވުމުން ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށް ކުނީގެ ގޮތުގައި ތިލަފުއްޓަށް ނައްތާލަން ގެންދާ ވެހިކަލްތަކެއް ކަމަށް ފުލުހުން ބުނެފި އެވެ. 

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ދައުރުވާ ވީޑިއޯއަކީ އުޅަނދުތައް ނައްތާލަން ކުނީގެ ގޮތުގައި ތިލަފުއްޓަށް ގެންދަން، ހުޅުމާލެ 2 އިން ފުލުހުންނަށް އަލަށް ހަމަޖެހުނު ޓޯޔާޑުގައި ހަރަކާތްތެރިވާ މަންޒަރު ކަމަށެވެ. އެ ވެހިކަލްތައް ނައްތާލަން ހުއްދަ ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ވީޑިއޯގައި ފުލުހުންތަކެއް، ޕިކަޕުން ސައިކަލުތަކެއް ބިންމައްޗަށް ވައްޓާލާތަން ފެނެ އެވެ. އެއާއެކު، އާއްމުންގެ މުދަލަށް އެގޮތަށް ގެއްލުން ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް، ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނެފައިވެ އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ކުރިން އޮންނަގޮތުން، ގަވައިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތައް ޓޯކުރުމުން އެ ތަކެއްޗާ ހަވާލުވާން ވެރި މީހާއަށް ފުލުހުން ވަކި މުއްދަތެއް ދޭން ޖެހެ އެވެ. އެ މުއްދަތުގައި ހަވާލުނުވެއްޖެނަމަ އެ ތަކެތި ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. 

ނަމަވެސް، އަލަށް ހެދި އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގައި ވަނީ އެގޮތަށް ޓޯކުރާ ވެހިކަލްތައް ވަކި މުއްދަތެއް ފަހުން ނީލަން ކިޔުމުގެ ފުރުސަތު ދީފަ އެވެ. އެކަން ކުރަން ފުލުހުން އެ އުޅަނދުތައް ހަވާލުކުރަން ޖެހޭނީ ޓްރާންސްޕޯޓުގެ މާލެއަށް ހާއްސަ އޮފީހަށެވެ.