ގދ. ތިނަދޫން އެކި ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތައް، އެއްބަސްވުމާ ހިލާފަށް ބޭނުންކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުނެފި އެވެ. 

ތިނަދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަށުގެ އެކި ބޭނުންތަކަށް ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ބައެއް ބިންތައް ދޫކޮށްފައިވާ ބޭނުންތައް ނޫން އެހެން ކަންކަމަށް، ގަވާއިދާ ހިލާފަށް ބޭނުންކުރަމުންދާ ކަމަށެވެ.

ކުލީ ބިންތަކުގެ އެއްބަސްވުމުގައި ބުނާ ބޭނުން ފިޔަވައި އެހެން އެއްވެސް ބޭނުމަކަށް، ގަވާއިދާ ހިލާފަށް ބިން ބޭނުން ނުކުރުމަށް ކައުންސިލުން ވަނީ އަންގައިފަ އެވެ.

ކައުންސިލުން ބުނި ގޮތުގައި ބިމުގެ އެއްބަސްވުމާ ހިލާފުވާ ފަރާތްތަކަށް، ގަވާއިދުތަކުގެ ދަށުން އަޅަން ޖެހޭ ހުރިހާ ގާނޫނީ ފިޔަވަޅުތައް އަޅާނެ އެވެ.

ކުލީ ބިންތައް ބޭނުންކުރުމުގައި އެއްބަސްވުމުގައިވާ ގޮތަށް އަމަލުކުރުމަށާއި ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އިއުލާނުގައި އެ ކައުންސިލުން އިލްތިމާސްކޮށްފައިވެ އެވެ.

ގަވައިދާ ހިލާފަށް ބިން ބޭނުންކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކައުންސިލުން ނިންމާފައިވާއިރު، މިހާރުގެ މޭޔަރު ސައުދު އަލީ އާއި މިދިޔަ ދައުރުގެ ކައުންސިލް ތިން މެމްބަރުން ސޮއިކޮށް، ތިނަދޫން ގަވައިދާ ހިލާފަށް ބިން ދޫކުރި މައްސަލައެއް ފެންމަތިވެ އެ މީހުންނަށް ދައުވާ ކުރުމަށް އޭސީސީން ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ.