ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކޮށް، އަދި އެ ފައިސާ ލޯންޑާކުރި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މާދަމާގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. 

މާދަމާއަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފައިވަނީ ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ދައުލަތުން އެދިގެންނެވެ. ދައުލަތުން އެގޮތަށް އެދުނީ މައްސަލައިގައި ކޯޓަށް ވަޑައިގަންނަވާ ވަކީލުން ބަލިވެ އުޅޭތީ ކަމަށް ވެސް ކޯޓުން ބުންޏެވެ. 

ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ގުޅިގެން ހެކިބަސް ނެގުމުގެ މަރުހަލާ ނިމި، މިހާރު އޮތީ ހެއްކާބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގަ އެވެ. އެ ހިސާބުގައި މައްސަލަ އޮންނަތާ ވަނީ ގިނަ ދުވަސްތަކެއްވެފަ އެވެ. 

ޔާމީންގެ މައްޗަށް ދެން ދައުވާކުރާ އާރަށް މައްސަލާގެ އަޑުއެހުމެއް އަންނަ ހަފުތާއަށް ތާވަލުކޮށްފައިވެ އެވެ. އެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރިން އިއްވާފައި ވަނިކޮށް ހައި ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަންގައިފަ އެވެ. 

އާރަށް މައްސަލާގައި އާ ހެކިތަކެއް ދައުލަތަށް ހުށަހެޅުމުން އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުގައި އެ މައްސަލައިގައި ގޮތެއް ނިންމެންދެން ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށް ގެންދިޔުން އޮތީ މަޑުޖައްސާލައިފަ އެވެ.