އިންޑިއާގެ މަޝްހޫރު އީ-ކޮމާސް ޕްލެޓްފޯމްތަކުން ވިޔަފާރިކޮށް އެ ތަކެތި ރާއްޖެއަށް ފޮނުވައިދޭ "ގްލޯބަލް ދުކާން" މެދުވެރިކޮށް ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ދިވެހި ރުފިޔާއިން ފައިސާ ދެއްކޭގޮތް ހަދައިފި އެވެ.
ގްލޯބަލް ދުކާން އިން ހާމަކޮށްފައިވާ ގޮތުގައި އެ ޕްލެޓްފޯމް މެދުވެރިކޮށް ކުރާ ވިޔަފާރީގައި ދިވެހިރުފިޔާއިން ފައިސާ ދެއްކުމުގެ ފުރުސަތު އަންނަ ހުކުރުދުވަހުން ފެށިގެން ލިބޭނެ އެވެ.
މި އިންތިޒާމާ އެކު ރާއްޖޭގެ ކަސްޓަމަރުންނަށް ބޭރު ފައިސާގެ ލިމިޓްތަކަށް ބަރޯސާނުވެ އަދި ފައިސާ މާރުކުރުމުގެ އިތުރު ފީތަކަކާ ނުލައި ފަސޭހަކަމާ އެކު ވިޔަފާރިކުރެވޭނެ އެވެ.
ގްލޯބަލް ދުކާންގެ ވެބްސައިޓް ނުވަތަ މޮބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން، އިންޑިއާގެ އެންމެ މަގުބޫލު މާކެޓްޕްލޭސްތައް ކަމަށްވާ އެމެޒޯން، މިންތުރާ، ނައިކާ އަދި އައިކިއާ ފަދަ ބްރޭންޑްތަކުން ވިޔަފާރިކުރެވޭނެ އެވެ.
ގްލޯބަލް ދުކާންގެ އެންމެ ހާއްސަ އެއް ފީޗާ އަކީ ތަފާތު އެކި ފިހާރަތަކުން ގަންނަ މުދާ އެއް "ޔުނިފައިޑް ކާޓް" އަކަށްލައި، އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ލިބުމެވެ.
ގްލޯބަލް ދުކާން އިން ގަންނަ ތަކެތި ރާއްޖެއަށް ގެނެސް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެނީ މޯލްޑިވްސް ޕޯސްޓްގެ ލޮޖިސްޓިކްސް ނެޓްވޯކް މެދުވެރިކޮށެވެ. އެހެންވެ މާލޭގެ އިތުރުން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވިޔަފާރިކުރިޔަސް ޕޯސްޓް އޮފީސް މެދުވެރިކޮށް މުދާ ލިބޭނެ އެވެ.
މި ބަދަލާ އެކު ދިވެހި އޮންލައިން ވިޔަފާރިވެރިންނަށާއި އަމިއްލަ ބޭނުންތަކަށް ތަކެތި ގަންނަ ފަރާތްތަކަށް އިންޑިއާގެ ބޮޑު މާކެޓުން މުދާ ހޯދުމުގައި ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް ބެލެވެ އެވެ.