މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުންނަ ލެޑު ސްކްރީންތަކުން ދަންވަރު އަޑުގަދަކޮށް، އިޝްތިހާރު ދައްކާ ޝަކުވާ ބޮޑުވެ، އުސޫލެއް ހަދަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެ ގޮތަށް ނިންމީ އިއްޔެ ބޭއްވި ސިޓީ ކައުންސިލްގެ ޖަލްސާއަށް މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް ލަބާން ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. އޭނާ ހުށަހެޅުއްވީ މަގުމަތީގައި އެފަދަ ސްކްރީންތައް ހަރުކުރުމަކީ މިހާތަނަށް އެއްވެސް އުސޫލެއް އަދި ގަވާއިދެއް ހެދިފައި ނެތުމުން އެ މައްސަލަ އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި އެލްއީޑީ ބޯޑުތައް ބެހެއްޓުމުގެ ސަބަބުން އޭގެ އަލިގަދަވެގެން ކައިރީގައި ހުންނަ ގޭގޭގެ މީހުންނަށް އުނދަގޫވާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެގޮތުން ދަންވަރުގެ ވަގުތުތަކުގައި އެލްއީޑީ ބޯޑުތަކުން އަޑުގަދަކޮށް އިޝްތިހާރުތައް އަޅުވާ މައްސަލާގައި ވެސް އާންމުންގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބެމުންދާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ލަބާން ވިދާޅުވި ގޮތުގައި، އާންމުކޮށް މަގުތަކުގައި އެލްއީޑީ ސްކްރީންތައް ހަރުކުރަމުންދާތީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިދޭ ބާރުގެ ބޭނުންކޮށްގެން، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ހާއްސަ އުސޫލެއް އެކުލަވާލަންޖެހޭ ކަމަށެވެ.

އެ އުސޫލުގެ ތެރޭގައި އެލްއީޑީ ސްކްރީންތަކުގެ އަލިކަން ހުންނަންވީ މިންވަރާއި އެ ތަކެތި ބެހެއްޓޭނެ އުސޫލުތަކާއި ހަރުކުރާ މިންގަނޑުތައް ބެލޭނެ ނިޒާމެއް ހިމަނަންޖެހޭނެ ކަމަށް ވެސް ލަބާން ވިދާޅުވި އެވެ.

އޭނާ ހުށަހެޅުއްވީ އެ އުސޫލު އެކުލަވާލުމަށްޓަކައި ކައުންސިލްގެ ރެގިއުލޭޓްރީ ކޮމިޓީއަށް މައްސަލަ ފޮނުވުމަށެވެ.

ކައުންސިލުން މިހާރު ނިންމާފައި ވަނީ ރެގިއުލޭޓްރީ ކޮމިޓީން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ފަހު، އެލްއީޑީ ސްކްރީންތައް ހަރުކުރުމާއި ބެލެހެއްޓުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ހެދުމަށެވެ.