މާލޭ ސިޓީ ކައުންސިލާއި ތިނަދޫ ކައުންސިލު ގުޅިގެން މަސައްކަތްކުރުމާއި ރައްޔިތުންނަށް ފައިދާވާނެ ކަންކަން ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ. 

މާލޭ ސިޓީ ކައުންސިލު އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްއޯޔޫގައި ސޮއިކުރެއްވީ މާލޭގެ މޭޔަރު އާދަމް އާޒިމާއި ތިނަދޫގެ މޭޔަރު ސައުދު އަލީ އެވެ. 

އެ ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ އެމްއޯޔޫގައި ހިމެނެނީ ދެ ސިޓީ ގުޅިގެން މަސައްކަތް ކުރުމާއި ދެ ސިޓީގެ މުވައްޒަފުންގެ ކުރިއެރުމަށް އެކުގައި މަސައްކަތްކުރުމާއި އެއް ސިޓީ އަނެއް ސިޓީގެ ވިޔަފާރިކުރިއެރުވުމަށް މަސައްކަތްކުރުން ފަދަ ކަންކަން ކަމަށެވެ. 

އެ އެމްއޯޔޫއަކީ ވަރަށް ފުޅާ ދާއިރާއެއްގައި އެކުލަވާލާފައިވާ ފަހުމުނާމާއެއްކަން ފާހަގަކުރައްވަމުން މާލޭގެ މޭޔަރު އާޒިމް ވިދާޅުވީ އުއްމީދު ކުރައްވަނީ ގިނަ ސިޓީތަކަކާއި ކައުންސިލުތަކަކާ އެކު ވެސް އެފަދަ އެއްބަސްވުމެއް ހަދައި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްކުރެއްވޭނެ ކަމަށެވެ. 

އާޒިމް ވިދާޅުވި ގޮތުގައި އެ ކައުންސިލެއްގައި ހުންނަ ވަސީލަތްތައް އަނެއް ކައުންސިލަކަށް ހިއްސާކުރުން ފަދަ ކަންކަން ވެސް އެ ފަހުމުނާމާގައި ހިމެނޭއިރު އޭގެ ސަބަބުން ރާއްޖެ ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި ލާމަރުކަޒީ ނިޒާމުގެ ރޯލު ބޮޑުވާނެ އެވެ.

"ޓެކްނޮލޮޖީގެ ދަށުން އަޅުގަނޑުމެން އުފައްދާ ބައެއް އެޕްލިކޭޝަންތައް ހިއްސާކުރެވިގެންދާނެ އެއްބަޔަކު އަނެއް ބަޔަކަށް. ވަރަށް މުހިއްމު އެއްޗެހި އެބަހުރި. އަޅުގަނޑުމެން އުފައްދާ އެއްޗެހި ސިޓީ ކައުންސިލުތަކަށް، ރަށު ކައުންސިލުތަކަށް ހިއްސާ ކުރެވިގެންދާނެ އަގަކާ ނުލާ. އަދި ހަމަ އެހެންމެ، އެ ބޭފުޅުން އަތުގައި ހުންނަ އެއްޗެހި ވެސް އަޅުގަނޑުމެން އުއްމީދު ކުރަނީ ލިބޭނެ ކަމަށް،" އާޒިމް ވިދާޅުވި އެވެ.

"އެހެންވީމާ ދެ ފަރާތް ގުޅިގެން މަސައްކަތްކުރެވޭނެ ނަމަ ރާއްޖެ ތަރައްގީ ކުރުމަށް ލާމަރުކަޒީ ނިޒާމު ކުޅޭ ރޯލު ހަރުދަނާވެ ވަރުގަދަވެގެންދާނެ." 

އެ ރަސްމިއްޔާތުގައި ތިނަދޫގެ މޭޔަރު ސައުދު ވިދާޅުވީ އެ އެމްއޯޔޫގެ ސަބަބުން ބޮޑެތި ބަދަލުތަކެއް ދެ ސިޓީގެ ރައްޔިތުންނާއި ކައުންސިލުތަކަށް ވެސް ލިބޭނެ ކަމަށެވެ. 

ސައުދު ވަނީ ކައުންސިލްތަކާއި ރައްޔިތުންގެ ލާބައަށް ކުރާ އެފަދަ މަސައްކަތްތައް އެހެން ކައުންސިލުތަކުން ވެސް ބަލައިގަނެ މިސާލު ނަންގަވަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.