އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ  ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގައި އދ. ގެ އާއްމު މަޖިލީހުގައި ވާހަކަދައްކަން ޕޯޑިއަމްގެ ކައިރީ ހުއްޓުމާ އެކު، އެހެން އަހަރުތަކެކޭ ވެސް އެއް ފަދައިން، ގިނަ ގައުމުތަކުގެ މަންދޫބުން މާލަން ދޫކުރައްވައި ވަޑައިގެންނެވުމުން އޭނާ އެކަމާ ނުރުހުންފާޅުކޮށްފި އެވެ.

ނަތަންޔާހޫ ވާހަކަދައްކަން ޕޯޑިއަމްގައި ހުއްޓުމާ އެކު މާލަމުން ނުކުމެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ނައިބުރައީސް ހުސައިން މުހައްމަދު ލަތީފާއި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި ރާއްޖޭގެ ވަފުދުގެ އެހެން ބޭފުޅުން ހިމެނެ އެވެ. 

ނަތަންޔާހޫ ޕޯޑިއަމަށް ހުއްޓުމުން ނުރުހުން ފާޅުކުރައްވައި ގިނަ މަންދޫބުން ނުކުމެވަޑައިގެންނެވުމުން އެ މަންދޫބުންނަކީ "ފިނޑިން" ކަމަށް އޭނާ ސިފަކުރި އެވެ. އެގޮތަށް ސިފަކުރުމަށް ފަހު އޭނާ ބުނީ "ނުކުމެގެން ނުގޮސް އެފަދަ ފިނޑިއަކު އިން ނަމަ" އެމީހަކު ވެސް ދާންވީ ކަމަށެވެ.

ފަލަސްތީނުގެ ޣައްޒާގައި ނަތަންޔާހޫގެ އަމުރަށް ކުރިއަށް ގެންދާ ގަތުލުއާންމުގެ ވާހަކަ އާއްމު މަޖިލީހުގައި ކުރިން ތަގުރީރުކުރެއްވި ބައެއް ބޭފުޅުން ދައްކަވާފައި ވާތީ އެކަމާ ވެސް އޭނާ ނުރުހުން ފާޅުކުރި އެވެ. ފޮޓޯއާއި ވީޑިއޯއިން ރަނގަޅަށް ރެކޯޑްކޮށްފައިވާ ގަތުލުއާންމު އޭނާ ސިފަކުރީ "ގަރުނުގެ އެންމެ ބޮޑު ދޮގު"ގެ ގޮތުގަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ރާއްޖޭގެ ވަފުދު މާލަމުން ނުކުމެވަޑައިގަންނަވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ރާއްޖޭގެ ވަފުދު މާލަމުން ނުކުމެވަޑައިގަންނަވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

ރުޅިއައިސްގެން ހުރެ އޭނާ ދެއްކި ގިނަ ވާހަކަތައް ބައްޓަންކުރީ ކުރިއަށް އޮތް އިންތިހާބަށް ކުރާ ކެމްޕެއިނެއްގެ ގޮތުގަ އެވެ. އޭނާ އެގޮތުން ޖަވާބުދާރީވީ އިޒްރޭލުގެ އެތެރެއިން އޭނާއަަށް އަމާޒުވާ ފާޑުކިއުންތަކަށެވެ. އޭގެ އެއް ކަމަކީ އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ކަމަށް ވާތީ، އެ ހަނގުރާމަ އެއީ ރަނގަޅަށް ފެށި ކަމެއް ކަމަށް ބުންޏެވެ.

ނަތަންޔާހޫ ސިފަކުރި ގޮތުގައި އީރާނަށް ހަމަލާދިނުމަކީ އޭނާގެ ވާހަކަ އަޑުނާހައި ނުކުމެގެން ދިޔަ މަންދޫބުންގެ ގައުމުތަކަށް ވެސް ވީ ފައިދާ އެކެވެ. އީރާނުގެ ނިއުކްލިއާ ވަސީލަތްތަކަށް ހަމަލާދިނުމުން އެގައުމުތަކުގެ ވެރިން ސިއްރުން އިޒްރޭލަށް ޝުކުރުއަދާކުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އިޒްރޭލުން ޣައްޒާގައި ގަތުލުއާންމު ހިންގަން ފެށީ 2023 ވަނަ އަހަރު ހަމާސް ޖަމާއަތުން ދިން ހަމަލާއެއް ބަހަނާއަކަށް ބޭނުންކޮށްގެންނެވެ. އެކަމަކު އޭގެ އެތައް އަހަރެއް ކުރިއްސުރެ ޣައްޒާ އޮތީ އެއްގަމާއި ކަނޑުމަގުން ވެސް ހިސާރުކޮށް ބޭސްފަރުވާއާއި އަސާސީ އެތައް އެއްޗެއް ލިބުނަނުދީ ދަތިކޮށްފަ އެވެ.

އިޒްރޭލުގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި، ހަމާސްއިން ދިން ހަމަލާގައި 1،221 މީހުން މަރުވެފައިވާއިރު، އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ އާބާދީގެ ބޮޑު ބަޔެއް ވަނީ އަމިއްލަ ފަސްގަނޑުގައި ގެދޮރުގެއްލިފަ އެވެ.

ހަމާސްގެ ދަށުން ހިންގާ ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން މަދުވެގެން 73،470 މީހުން ޝަހީދުވެފައި ޥާއިރު، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ވެސް 1،330 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ