އަމިއްލަ ޔުނިވާސިޓީ ހަދަން މަގުފަހިވާ ގަވާއިދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ރޭ އާއްމުކޮށްފި އެވެ.
މަތީ ތައުލީމުގެ ގާނޫނުގެ ދަށުން ހެދި "ދިވެހިރާއްޖޭގައި ޔުނިވާސިޓީތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވައިދު"ގައި ވަނީ ޔުނިވާސިޓީއަކަށް ބަދަލުވާނެ މުއްދަތާއި އެ ތަނުގައި ހުންނަން ޖެހޭ ޝަރުތުތައް ބަޔާންކޮށްފަ އެވެ.
ގަވާއިދުގައިވާ ގޮތުން ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރު ވުމުންނެވެ. ބޭރު ގައުމެއްގައި އެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީއެއްގެ ގޮތުގައި ހިންގާތާ 10 އަހަރުވުން އަދި ތިން ދާއިރާއަކުން ބެޗެލާސް ޑިގްރީ އާއި މާސްޓާސް ޑިގްރީއާ ދެމެދުގެ ކޯސްތައް ހިންގުމަކީ ވެސް ޝަރުތެކެވެ.
އެ ކޯސްތައް ހިންގާ ކަމަށް ބަލާނީ މެދުކެނޑުމެއް ނެތި ފަސް އަހަރަށް ހިންގުމުންނެވެ.
ގަވާއިދުގައި ހިމެނޭ އިތުރު ކަންކަން
- ޑިގްރީ އަދި މާސްޓާސް ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 1،000 އަށް ވުރެ އިތުރުވުން
- އިންޓަނޭޝަނަލް ޔުނިވާސިޓީ ރޭންކިންގައި ބައިވެރިވެ ރޭންކު ކޮށްފައިވާ ކޮލެޖަކަށްވުން
- ބައިނަލްއަގުވާމީ ޔުނިވާސިޓީތައް ތަމްސީލުކުރާ ޖަމިއްޔާގެ މެމްބަރަކަށްވުން
- ބައިނަލްއަގުވާމީ ފެންވަރުގެ ރިސާޗު މަސައްކަތްކުރުން
- އެކަޑެމިކް ފުލްޓައިމް މުވައްޒަފުންގެ 10 ޕަސެންޓު ޕީއެޗްޑީ ނުވަތަ ގައުމީ އޮނިގަނޑުގެ ލެވެލް 10 ހާސިލްކުރުން
ގަވާއިދުގައި ބުނީ ޔުނިވާސިޓީއެއް ގޮތަށް ރަޖިސްޓްރީކުރަން ޕްރޮޕޯޒަލް ހުށަހަޅާނީ އެކަމަށް މިނިސްޓްރީން ހާއްސަކުރާ ޕޯޓަލުން ކަމަށެވެ. އެ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރަން މިނިސްޓްރީން ފަސް ބޭފުޅުންގެ ފަންނީ ކޮމިޓީއެއް އެކުލަވާލަންޖެހެ އެވެ.
ކޮމެޓީގައި ހިމެނެނީ؛
- މަތީ ތައުލީމުގެ ދާއިރާގެ ދެ ތަޖުރިބާކާރުން
- އެޑިއުކޭޝަން މިނިސްޓްރީގެ އިސް މުވައްޒެއް
- އެމްކިއުއޭގެ އިސް މުވައްޒަފެއް
- ފައިނޭންސް ދާއިރާގެ މެމްބަރެއް
ޕްރޮޕޯޒަލް ބަލައިގަންނަތާ ތިން މަސް ދުވަހުގެ ތެރޭގައި އެކަމާ މެދު ގޮތެއް ނިންމަން ޖެހެ އެވެ. އެ އަށް ފަހު، އެ ޔުނިވާސިޓީގެ މައި ކެމްޕަސް ރަޖިސްޓްރީކުރަން 100،000ރ. ގެ ފީއެއް ދައްކަންޖެހެ އެވެ. އެ ޔުނިވާސިޓީގެ އިތުރު ކެމްޕަހާއި ލާނިން ސެންޓަރުތައް ރަޖިސްޓްރީ ކުރަން ވެސް ފީ ނަގާނެ އެވެ.
ގަވާއިދުގައި ބުނީ ޔުނިވާސިޓީއަކަށް ވުމުން ދެ އަހަރުގެ ތެރޭގައި މަދުވެގެން ޕީއެޗްޑީ ލެވެލްގެ އެއް ޕްރޮގްރާމް ހިންގަން ޖެހޭނެ ކަމަށެވެ.
އަމިއްލަ ކޮލެޖުތަކަށް ޔުނިވާސިޓީއަކަށް ބަދަލުވުމުގެ ފުރުސަތު ހުޅުވުނުއިރު، ރާއްޖޭގައި މި ވަގުތު ހިންގަނީ ސަރުކާރުގެ ދެ ޔުނިވާސިޓީ އެވެ. އެއީ ގައުމީ ޔުނިވާސިޓީ އަދި އިސްލާމިކް ޔުނިވާސިޓީ އެވެ.