މީގެ 16 އަހަރު ކުރިން ޏ. ފުވައްމުލަކުގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލާގައި ހަސަން ފަރީދަށް ފުލުހުން އަނިޔާކުރިކަމުގެ ތުހުމަތުތަކާއި ފަނޑިޔާރުންގެ ސުވާލުތަކަށްފަހު އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.
ޖެނުއަރީ، 2010 ގައި ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި އެރަށު މެކޯ އަބްދުﷲ ޝުހާދު މަރާލި މައްސަލާގައި އެރަށު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.
އެ ހުކުމް އިސްތިއުނާފްކުރަން ފަރީދުގެ ފަރާތުން ހުށަހެޅި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ސުވާލުތަކަށް ދައުލަތުން ޖަވާބު ދިނެވެ. އެގޮތުން ފަރީދަށް ތަހުގީގުގައި ލިބެންޖެހޭ ހައްގުތައް އޭނާއަށް އެންގިކަމުގެ ލިޔުމުގައި ފުލުހުން ސޮއިކޮށްފައި އޮތީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ އެ ލިޔުމުގައި ފުލުހުން ސޮއިކުރީ ފަރީދަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން އެ ލިޔުމުގައި ސޮއި ނުކުރެވޭނެ ކަމަށް ފަރީދު ބުނުމުން ކަމަށް ފުލުހުން ބުނާ ކަމަށެވެ. އަދި އެއީ އޭރު އެފަދަ ހާލަތްތަކުގައި އަމަލުކުރާ ގޮތް ކަމަށް ދައުލަތުން ބުންޏެވެ.
އޭރު އަމަލުކުރީ އެގޮތަށް ކަމަށް ބުނުމުގެ އިތުރުން އެފަދަ އުސޫލެއް ލިޔެފައި ނެތީތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. އޭގެ ޖަވާބުގައި ދައުލަތުން ބުނީ އޭރު އަމަލުކުރި ގަވާއިދުގައި އެފަދަ އުސޫލެއް ނެތުމުން އަމަލުކުރީ އެގޮތަށް ކަމަށެވެ.
ފަރީދު ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އައްޑޫ ސިޓީއިން ދިޔަ ފުލުހުންގެ ޓީމަކާ އޭނާ ހަވާލުކުރުމުން އެ ފުލުހުންތައް އޭނާ ކަނު ބަނުމަށްފަހު ފުވައްމުލަކު ބަނދަރުގައި އޮތް ލޯންޗެއްގެ ތެރެއަށް އެއްލާލީ ކަމަށެވެ. އަދި ފަހުން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފުލުހުން އޭނާ ގެންދިއުމުން، އޭނާއަށް ލިބިފައި ހުރި އަނިޔާތަކުގެ ބޮޑުކަމުން އެކަމަށް ފަރުވާ ދެވެން ނެތް ކަމަށް އެ ހޮސްޕިޓަލުން ބުނި ކަމަށް އޭނާ ބުންޏެވެ.
ފުލުހުންގެ ބަންދުގައި ހުއްޓާ އަނިޔާތަކެއް ލިބުމަކީ ތަހުގީގުގައި ވަކީލެއްގެ ހައްގު ނުލިބެންވީ ސަބަބެއްތޯ ފަރީދު ސުވާލުކުރި އެވެ.
ފަހުން ގަމު ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށާއި އަދި ފަރުވާދިނީ ވެސް އޭގެފަހުން ކަމަށް އޭނާ ބުންޏެވެ. އަދި ބަންދުގައި ހުރިއިރު، ހިއުމަން ރައިޓްސް ކޮމިޝަނުން ކުރި ޒިޔާރަތުގައި އެ ކޮމިޝަންގެ ވަފްދާ ވެސް އެކަން ހިއްސާކުރި ކަމަށް ފަރީދު ބުންޏެވެ.
ފަރީދު ފުވައްމުލަކުގައި ހައްޔަރުކޮށްފައި ހުއްޓާ އެރަށަށް ދިޔަ ހިއުމަން ރައިޓްސް ކޮމިޝަންގެ ޓީމް އެރަށަށް އެރުމަށް އެރަށުގެ ބަޔަކު ހުރަސް އަޅާފައިވާތީ އެކަން ވެސް ފަރީދު ފާހަގަކުރި އެވެ. އަދި އޭނާ ބުނިގޮތުގައި އެކަން އާންމުންގެ ބަޔަކު ކުރީ ފުލުހުން ރައްޔިތުންނަށް ދިން މައުލޫމާތަކާ ގުޅިގެން ކަމަށް ގަބޫލުކުރެވެ އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕޮލިހުން އާންމުންނަށް މައުލޫމާތު ދީފައި އިނީ ހިއުމަން ރައިޓްސްގެ މީހުން ކުރާ ޒިޔާރަތަކީ އަޅުގަނޑަށް ކޮށްފައި އިން އަނިޔާތައް ބަލައި، އެކަމަށް ކުރާ ޒިޔާރަތެކޭ. އެހެންވެ، ބައެއް މީހުން ހިއުމަން ރައިޓްސްގެ ލޯންޗް ބަނދަރަށް ވަންނަން ނުދީ، ހުރަސް އެޅީ." ވަކީލެއްގެ އެހީތެރިކަމާ ނުލައި ކޯޓުގައި އަމިއްލައަށް ވާހަކަ ދެއްކިި ފަރީދު ބުންޏެވެ.
އޭނާ ބުނިގޮތުގައި އޭނާ ހައްޔަރުކުރަން ފުލުހުން ގެއަށް ވަނީ ވެސް ކޯޓު އަމުރެއް ނެތި އެވެ.
ފަރީދަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ ތުހުމަތާ ގުޅިގެން އޭރު އެއްވެސް ތަހުގީގެއް ކުރިތޯ ބެންޗުން ސުވާލު ކުރުމުން ދައުލަތުން ބުނީ އެފަދަ ތަހުގީގެއް ހިންގިކަން މިވަގުތު ބެލިފައި ނެތް ކަމަށެވެ.
ނަމަވެސް ދައުލަތުން ބުނިގޮތުގައި ތަހުގީގުގައި "އިރެގިއުލަރިޓީސްތަކެއް" ހުރިކަމުގައި ވިޔަސް ފަރީދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވަނީ މަންޒަރު ފެނުނު ހެކިވެރިންގެ ހެކިބަހުގެ މައްޗަށެވެ. އެހެންވެ، މައްސަލާގެ ހަގީގަތްތަކަށް އަސަރު ކުރާނެ ކަމެއް ނެތުމުން އޭނާ މެރުމަށް ކޮށްފައިވާ ހުކުމް ރަނގަޅު ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. އަދި އެ ބެންޗުގެ ރިޔާސަތަކީ އުއްތަމަ ފަނޑިޔާރެވެ.