ފާރިސްގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން، ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.


ފުލުހުން ރޭ ދަންވަރު ކުރި ޓްވީޓެއްގައި ބުނީ ދައުލަތުން ކޮށްފައިވާ ޚަރަދެއް އަނބުރާ ނުދައްކާ ކަމަށް ތުހުމަތުކުރެވޭތީ އެކަން ތަހުގީގު ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް ހުށަހެޅި މައްސަލަ ނިންމައި، ޕީޖީ އޮފީހަށް ވަނީ ފޮނުވާފައި ކަމަށެވެ.

އެ މައްސަލައިގެ ތަފުސީލެއް ނުދެ އެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފާރިސް ވަނީ ފަސް ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ވަރަށް ފަހުން ހާޒިރުކޮށްފަ އެވެ. އަދި އޭސީސީ އަށް ވެސް ހަމަ އެ ދުވަސްވަރު ހާޒިރުކުރި އެވެ.

އެނގިފައިވާ ގޮތުގައި އޭސީސީ އަށާއި ފުލުސް އޮފީހަށް ވެސް ފާރިސް ހާޒިރުކުރީ، ބައްޕާފުޅުގެ ވެރިކަމުގައި، ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ ބަޖެޓުން ހަރަދުކުރެއްވި ގޮތާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ ތަހުގީގަކަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމާ ގުޅިގެން މައުމޫނާ ވެސް ކުރިން ސުވާލުކޮށްފައިވެ އެވެ.

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ އިދިކޮޅު އިއްތިހާދުގައި މައުމޫންގެ ފަރާތްޕުޅުން އިސްކޮށް މަސައްކަތް ކުރައްވާ ފާރިސްގެ މައްސަލަ ޕީޖީ އަށް ފޮނުވިއިރު، އެ އިއްތިހާދުގެ އެންމެ އިސްބޭފުޅުންގެ ތެރެއިން މާލޭގައި ހަރަކާތްތެރިކޮށް އުޅުއްވާ ހަމައެކަނި ލީޑަރު ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމް ރޭ ދަންވަރު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ހައްޔަރުކުރިއިރު، އޭނާގެ މައްޗަށް ތިން ދައުވާއެއްކޮށް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ޝަރީއަތް އެބަ ހިނގަ އެވެ. މީގެ އިތުރުން އިދިކޮޅު އިއްތިހާދުގައި އިސްކޮށް ދެން މަސައްކަތް ކުރައްވާ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ޝަރީއަތެއް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.