ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި މަރު ކޮމިޝަނުގެ ރިޕޯޓުތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދިރާސާކޮށް ނިމޭނެ ކަމަށް އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ރޭ ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ބާއްވާ "އަހާ" ފޯރަމްގެ 8 ވަނަ އެޕިސޯޑުގައި އުޝާމް ވިދާޅުވީ ކުރީގެ ސަރުކާރުން މަރު ކޮމިޝަން އުފެއްދި ނަމަވެސް އެ ވެރިކަން ނިމުނުއިރު ވެސް އެ ކޮމިޝަނުގެ މައްސަލަތައް ނުނިމި ހުރި ކަމަށެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެ ކޮމިޝަނުގެ މައްސަލަތައް ނިންމުމަށް ޖޫން 2024 އާ ހަމައަށް ފުރުސަތު ދިން ކަމަށާއި އެ މުއްދަތާ ހަމައަށް ބައެއް މައްސަލަތައް ނިންމައި ކޮމިޝަނުގެ ރިޕޯޓުތައް ރައީސަށް ހުށަހަޅުއްވާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށް ގެންދަނީ އެ ރިޕޯޓުތައް ދިރާސާކުރުމުގެ މަސައްކަތެވެ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމައި، ރައީސަށް ލަފާ އެރުވުމުގެ އިތުރުން އެ ރިޕޯޓުތައް ދިރާސާކުރުމުގައި އާންމު ކުރެވޭނެ ކަހަލަ މައުލޫމާތު ހުރި ރިޕޯޓުތައް އާންމުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިމާވާ މައްސަލައަކީ އެ ރިޕޯޓުތައް އެކުލަވާލާފައި ހުރި ގޮތުން، އެ ރިޕޯޓުތަކަށް މައުލޫމާތު ދީފައި ހުރި ގޮތުން އޭގަ އެބަހުރި ފުލުހުންގެ އިންޓަލިޖެންސް ބައެއް ސިއްރު މައުލޫމާތު ހިމެނޭ ކަންކަން. އެހެންވެ، އެއީ ކިހާވަރަކަށް ހާމަކުރެވޭނެ އެއްޗެއްތޯ އެކަން ބަލަމުން މިހާރު މިދަނީ،" ބަންޑާރަ ނައިބު ވިދާޅުވި އެވެ. 

"އަހާ" ފޯރަމްގައި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"އަހާ" ފޯރަމްގައި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ ދައްތަ ޝެހެނާޒް ވަނީ މަރު ކޮމިޝަނުން ރިލްވާންގެ މައްސަލައިގައި ނިންމާފައިވާ ގޮތް ސާފުކޮށްދިނުމަށް ރޭގެ "އަހާ" ފޯރަމްގައި އެދިފަ އެވެ. ރިލްވާންގެ މައްސަލާގައި މަރު ކޮމިޝަންގެ ރިޕޯޓްތައް ހޯދުމަށް އޭޖީއާ ބައްދަލުކުރަން އެދިފައިވާތާ ހަތަރު މަސްދުވަސްވެފައިވާއިރު ވެސް ޚަބަރެއް ނުވާތީ އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ. 

އުޝާމް ވިދާޅުވީ ރިލްވާންގެ އާއިލާއާ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބައްދަލުކުރައްވައި، ހާމަކުރެވެން ހުރި މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ. 

ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން 2018 ވަނަ އުފެއްދި މަރު ކޮމިޝަނަކީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާފައިވާ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރިވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކުރެވި ހުރި މައްސަލަތަކުގައި މިނިވަން ތަހުގީގެއް ހިންގުމަށް އެކުލަވާލި ކޮމިޝަނެކެވެ.