ވިއެޓްނާމަށް 1.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދިވެއްސަކު 20 އަހަރަށް ޖަލަށް ލުމަށް އެ ގައުމުގެ ކަންހޯއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.

އެ މައްސަލައިގައި ޖަލަށްލާން ހުކުމް ކުރީ 39 އަހަރުގެ މުހައްމަދު އަނިލް އެވެ. އެކަމަކު އޭނާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ނޭނގެ އެވެ. 

ވިއެޓްނާމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުކުމުގެ މުއްދަތު ތަންފީޒުކޮށް ނިމުމުން އޭނާ އެ ގައުމުން ޑީޕޯޓްކޮށްލުމަށް ވެސް ކޯޓުން އަމުރުކޮށްފައިވެ އެވެ.

އެ މައްސަލައިގެ ދައުވާގައިވާ ގޮތުން، މަސްތުވާތަކެއްޗާ އެކު އަނިލް އަތުލައިގެންފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކުރީ ތައިލެންޑުގެ ބެންކޮކުން ފުރައިގެން ވިއެޓްނާމުގެ ކަންހޯއާ ޕްރޮވިންސްގެ ކޭމް ރާން އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް އިމިގްރޭޝަން އަދި ކަސްޓަމްސް މަރުހަލާތައް ފުރިހަމަކުރަމުން ދަނިކޮށް، ކަސްޓަމްސް އޮފިޝަލުންނަށް އޭނާގެ ޗެކްއިން ބެގޭޖާއި އަތްދަބަހުގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން ބަލައިފާސްކުރުމަށް ފަހުގަ އެވެ.

ވިއެޓްނާމުގެ ކަސްޓަމްސް އާއި ކަމާބެހޭ އެހެނިހެން އިދާރާތައް ގުޅިގެން އޭނާ ބަލައި ފާސްކުރިއިރު އޭނާގެ ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ޕެކެޓުތަކެއް ފެނިފައިވެ އެވެ. ނަމަވެސް، އޭނާ މަސްތުވާތަކެއްޗަށް ޓެސްޓުކުރުމުން އޭނާގެ ސާމްޕަލް ވަނީ ނެގެޓިވްވެފަ އެވެ.

ތަހުގީގަށް އެނގިފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ބެންކޮކުގެ ހޮޓަލެއްގައި އަނިލް ހުރިއިރު، ތައިލެންޑުގެ ޕަޓަޔާ ސަރަހައްދުގައި ދިރިއުޅޭ "އަފޫ" ނަމަކަށް ކިޔާ ރައްޓެއްސަކު ވަނީ ތައިލެންޑުން ވިއެޓްނާމަށް މަސްތުވާތަކެތީގެ ހަ ޕެކެޓު އުފުލައިދިނުމަށް އޭނާއަށް ހުށަހަޅައިފަ އެވެ.

އަފޫގެ ފުރިހަމަ މައުލޫމާތާއި އޭނާ އުޅޭތަނެއް އަދި ހޯދިފައެއް ނުވެ އެވެ.  މަސްތުވާތަކެތި ވިއެޓްނާމަށް ގެންގޮސްދިނުމުން 1,000 ޑޮލަރު ދޭނެ ކަމަށް އަފޫ ބުނެފައިވާ ކަމަށާއި ދަތުރާއި ކެއިންބުއިމުގެ ހަރަދަށް 500 ޑޮލަރު ކުރިއާލައި އަނިލްއަށް ދިނުމަށް ފަހު، އެ މަސްތުވާތަކެތި އަނީިލްގެ ފޮއްޓަށް އަޅައިދިނީ ވެސް އަފޫ ކަމަށް ވަނީ ބުނެފަ އެވެ. އަދި ވިއެޓްނާމަށް ދިއުމުން އެ ތަކެތި ހަވާލުކުރަން ޖެހޭ މީހާ އޭނާއަށް ގުޅާނެ ކަމަށް ބުނެފައިވެ އެވެ.

އަނިލް ވިއެޓްނާމަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި ގާތްގަނޑަކަށް 1.5 ކިލޯ ހުއްޓެވެ. އޭގެ ތެރޭގައި 1.07 ކިލޯގެ މެފެޑްރޯން އަދި 478.46 ގްރާމްގެ އަލްފާ-ޕީއައިއެޗްޕީ ހިމެނެ އެވެ.