ލ. ގަމުގައި ކުރިއަށް ގެންދިޔަ "ރޭސިން ޗެމްޕިއަންޝިޕް - ލާމު އެޑިޝަން" ގައި ދުއްވި ސައިކަލަކާ އެކު މޫދަށް ވެއްޓި ހާލު ސީރިއަސްވި ޒުވާނާ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދަން ފައިސާ ހޯދަން ޓިކްޓޮކްގައި ލައިވްއެއް ކުރިއަށް ގެންގޮސް 100،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.
އެކި ބޭނުންތައް ޖެހިފައިވާ މީހުންނަށް ޓިކްޓޮކް ލައިވްތަކުގައި އެހީ ހޯދައިދޭ މަރިޔަމް ސަމާގެ "ހިތުން ހިތަށް" ޖަމިއްޔާ އިން ބޭއްވި ޓިކްޓޮކް ލައިވްގައި މުހައްމަދު ޔައިޝް، 20، ގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދެއްކި އެވެ.
ޔައިޝްގެ ހާލަތު މަޑުމަޑުން ރަނގަޅުވިޔަސް އޭނާއަށް އަދިވެސް ވާހަކަ ނުދެއްކޭ ކަމަށާއި ރަނގަޅަށް އަތުގެ ހަރަކާތްތައް ވެސް ނުކުރެވޭތީ ކަނީ ވެސް އެހެން މީހުންގެ އެހީތެރިކަމާ އެކުގައި ކަމަށް ބުންޏެވެ.
ރޭސިން މުބާރާތުގައި ދުއްވި ސައިކަލު ކޮންޓްރޯލުން ނެއްޓި، މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ގައި ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެން އޭނާއަށް އެންމެ ފުރަތަމަ ފަރުވާދިނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. ޖެހިގެން އައި ދުވަހު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ. އޭރު ފަރުވާދިނީ އައިސީޔޫގައި ވެންޓިލޭޓަރު ގުޅައިގެން ކަމަށް ވިޔަސް ހާލަތު ތަންކޮޅެއް ރަނގަޅުވެ މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެެ.
ރޭގެ ޓިކްޓޮކް ލައިވްގައި ވަނީ ޔައިޝްއަށް އެކި ފަރާތްތަކުން ވަނީ 107،748ރ. އާއި 140 ޑޮލަރު ހަދިޔާކޮށްފަ އެވެ.
ޔައިޝް ވެސް އެ ލައިވްގައި ދައްކާލި އެވެ. އޭނާއަށް އަމިއްލައަށް އެއްވެސް ވަރަކަށް ނުތެދުވެވެ އެވެ. ކާންދޭން ހުރީ އޭނާގެ އާއިލާގެ މީހެކެވެ. އަތް ވެސް ރަނގަޅަށް ހަރަކާތެއް ނުކުރެ އެވެ. އިވެންޓުގައި އޭނާއަށް ގޮވައި ވާހަކަ ދައްކަން އުޅުމުން ހީލަމުން ބައެއް ބަސްތައް ކިޔަސް އެއަށް ވުރެ ބޮޑަށް ވާހަކައެއް ނުދެއްކެ އެވެ.