ދައުލަތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މި އަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ ހަރަދުތައް އިތުރު ކަމަށް ދައްކަނީ އަތޮޅު ގޮފިތަކުގެ ހަރަދުތައް އެ އިދާރާގެ ހަރަދުތަކުގެ ގޮތުން ހިމަނާފައި ވާތީ ކަމަށް އެ އޮޓޯރިޓީން މިއަދު ބުނެފި އެވެ.

އެލްޖީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު، ކުރިން ހިންގަމުން އައި އަތޮޅު ކައުންސިލް އިދާރާތައް އުވާލައި އެއީ އެ އޮތޯރިޓީގެ ގޮފިތަކުގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. އެ ބަދަލާ އެކު އަތޮޅު ގޮފިތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމާއި ދައްކަންޖެހޭ ފައިސާ ދެއްކުމާއި އިދާރީ ހުރިހާ ހަރަދުތައް ކުރުމުގެ ޒިންމާ އެ އޮތޯރިޓީއާ ހަވާލުކުރި ކަމަށް ބަޔާނުގައި ބުންޏެވެ. 

މި އަހަރަށް އެލްޖީއޭ އަށް ބަޖެޓު ކަނޑައެޅީ އަތޮޅު ގޮފިތަކާ ހަވާލުވުމުގެ ކުރިން އޮތޯރިޓީގެ ކުރީގެ ހިންގުމުގެ ދާއިރާއަށް ބަލައިގެން ކަމަށް ވާތީ، އަތޮޅު ގޮފިތައް ހިންގުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީގައި އެދިގެން އެ އޮތޯރިޓީގެ ބަޖެޓަށް އިތުރުކޮށްދީފައިވާ ކަމަށް އެލްޖީއޭއިން ބުންޏެވެ.  

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ފެންނަން ހުރި އިތުރު ހަރަދުތަކަކީ އެ މިނިސްޓްރީގެ ހުއްދައާ އެކު، ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން އަތޮޅު ގޮފިތަކުގެ ހަރަދުތަކަށް ބަޖެޓު އިތުރުކުރުމުގެ ސަބަބުން ފެންނަން ހުރި ހަރަދުތަކެއް ކަމަށް އެލްޖީއޭގެ ބަޔާނުގައި ބުންޏެވެ.   

ހަރަދުތަކުގެ ތަފުސީލް

  • 37.3 މިލިއަން ރުފިޔާ: މި އަހަރަށް އެލްޖީއޭއަށް ދައުލަތުން ފާސްކޮށްދީފައިވާ ޖުމްލަ ބަޖެޓު
  • 18.5 މިލިއަން ރުފިޔާ: މި މަހުގެ މިހާތަނަށް އެލްޖީއޭގެ ހިންގުމަށާއި ހިދުމަތްތަކަށާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރެވުނު ހަރަދު
  • 61.2 މިލިއަން ރުފިޔާ: މި އަހަރުގެ މެއި 17 އިން ފެށިގެން މި މަހު ހައެއްގެ ނިޔަލަށް އަތޮޅު ގޮފިތައް (ކުރީގެ އަތޮޅު ކައުންސިލްތައް) ހިންގުމަށް ފައިނޭންސް މިނިސްޓްރީން އިތުރުކޮށްދިން ފައިސާގެ ތެރެއިން ކުރެވުނު ޖުމްލަ ހަރަދު

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު އަތޮޅު ކައުންސިލްތައް އުވާލައި އަތޮޅު ގޮފިތައް އުފެއްދީ މި އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު އެވެ. 

އެލްޖީއޭ އިން ބުނީ އެ އޮތޯރިޓީގެ މާލީ އަދި ހިންގުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާއި ސާކިއުލާތަކާއި އެއްގޮތަށްކަން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި އޮތޯރިޓީއާ ބެހޭ މައުލޫމާތު ޝާއިއުކުރުމުގެ ކުރިން، އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށް އިލްތިމާސްކުރާ ކަމަށް އެ އެލްޖީއޭ އިން ބުންޏެވެ.