ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް 'ސީއޭއޭ 2' އިން 'ސީއޭއޭ 1' އަށް މަތިކޮށް، އިގްތިސާދީ އައުޓްލުކް 'ސްޓޭބަލް' އަށް ބަދަލުކޮށްފި އެވެ.
މިއަދު އާންމުކުރި މޫޑީޒްގެ ރިޕޯޓްގައި ބުނީ މިއީ ދިވެހި ސަރުކާރުން ބޮޑެތި ދަރަނިތަކެއް ދައްކައި، މާލީ ރައްކާތެރިކަން ކަށަވަރު ކުރަން އެޅި ފިޔަވަޅުތަކާ އެކު، ކައިރި މުސްތަގުބަލެއްގައި ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ބޮޑު ތަނުން ކުޑަވުމާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ.
މޫޑީޒްގެ ރޭޓިން މަތިވުމާ އެކު، ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ރޭޓިން މަތިވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، މި އަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކައި، ހަލާސްކުރުމާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކައި ނިންމުން ހިމެނެ އެވެ. އަދި މި އަހަރުގެ މެއި މަހާއި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްތައް ދިވެހި ސަރުކާރުން ދައްކާފައިވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް ފިނޭންސުން ބުންޏެވެ.
ސަރުކާރުން ދައްކަންޖެހޭ 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑެއް ދެއްކުމުގެ މުއްދަތު 2031 އަށް އިތުރު ކުރުމަކީ ވެސް ކައިރި މުސްތަގުބަލުގައި ދަރަނި ދެއްކުމަށް އޮތް ތާށިކަން ކުޑަވި ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަވުމާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާ އިތުރުވުމުގެ އިތުރުން ބޭރުގެ މާލީ އިދާރާތަކުންނާއި ކައިރި ގައުމުތަކުން މާލީ އެހީތެރިކަން ލިބުމުގައި އޮތް އިތުބާރު މޫޑީޒްއިން ފާހަގަކޮށްފައިވެ އެވެ.
އެ ކުރިއެރުންތައް ހާސިލުކުރުމުގައި ސަރުކާރުގެ ސިޔާސަތުތަކުގެ ހަރުދަނާކަން އެ އެޖެންސީން ގަބޫލުކުރާ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.
ސަރުކާރުން 2024 ވަނަ އަހަރުން ފެށިގެން ތަންފީޒުކުރަން ފެށި ބޭރު ފައިސާއާ ގުޅޭ ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރު ފައިސާ އިތުރުވެ، ރަސްމީ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ހުރި ފައިސާ އިތުރުވެފައިވާ ކަމަށް ވެސް މޫޑީޒްއާ ހަވާލާދީ، ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މި ފިޔަވަޅުތަކާއި ބޭރުގެ ދަރަނި ދެއްކުމަށް ކުރަންޖެހޭ ހޭދަ ކުޑަވުމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު އިތުރަށް ދަމަހައްޓައިދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ފަރާތުން ލިބޭ އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ މާލީ ފުދުންތެރިކަން ވަނީ އިތުރަށް ވަރުގަދަ ވެފަ އެވެ. އެގޮތުން ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރު ހިމެނޭހެން ޖުމްލަ 130 މިލިއަން ޑޮލަރުގެ އެހީ ސަރުކާރުން ވަނީ ހޯދައިފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) 129.2 ޕަސެންޓުގައި ހުރި ދައުލަތުގެ ދަރަނި، ޖުލައި 2026 ގެ ނިޔަލަށް ވަނީ 122.6 ޕަސެންޓަށް ދަށްވެފަ އެވެ. މިއީ ދަރަނި ދެއްކުމަށް ކުރި މަސައްކަތްތަކާއި ގެންގުޅުނު ހަރުދަނާ ފިސްކަލް ސިޔާސަތުތަކުގެ ނަތީޖާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ހެދި ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ސަމާލުކަންދޭ ހާލު ރައްޔިތުންގެ އަސާސީ ކަންކަން ރައްކާތެރި ކުރުމަށާއި އިގްތިސާދީ ހަރަކާތްތަކަށް އެހީތެރިވުމަށާއި ދައުލަތުގެ ހަރަދުތައް ބަޖެޓުގެ ތެރޭގައި ހިފެހެއްޓުމަކީ ސަރުކާރުން އެންމެ ސަމާލުކަން ދޭ އެއްކަންތައް ކަމުގައި ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.