މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް ތަހުގީގުކުރުމަށް "ސްމާޓް ޑްރޯ" ސޮފްޓްވެއާ ފުލުހުން ބޭނުންކުރަން ފަށައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި މިއަދު ބުނީ މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް މިހާރަށް ވުރެ ހަރުދަނާކޮށް، އަވަސްކުރުމަށާއި ތަހުގީގުތަކުގެ ސައްހަކަމާއި ފަންނީ މިންގަނޑުތައް މަތިކުރުމުގެ ގޮތުން "ސްމާޓް ޑްރޯ" ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއާ ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
މި ސޮފްޓްވެއާ ތައާރަފުކޮށް ބޭނުންކުރަން ފެށީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، "ސްމާޓް ޑްރޯ" އަކީ އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗްތައް ފަސޭހަކަމާ އެކު ކުރެހުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޔޫޒާ-ފްރެންޑްލީ ސޮފްޓްވެއާއެކެވެ.
- މި ސޮފްޓްވެއާގައި އިންޓަސެކްޝަން، ޓީ-ޖަންކްޝަން އަދި ސީދާ މަގުތައް ހިމެނޭހެން ތަފާތު މަގުތަކުގެ ލޭއައުޓްތައް ކުރީބައިގައި ފަރުމާކޮށް ހިމަނާފައިވޭ.
- އެކި ބާވަތުގެ އުޅަނދުފަހަރާއި ސައިކަލް، ޓްރެފިކް ނިޝާންތައް، މަގުބައްތިތައް އަދި ތަހުގީގަށް ބޭނުންވާ މުހިންމު އެލިމެންޓްތަކުގެ ރެޑީމޭޑް ސިމްބަލްތައް ވެސް ހިމެނޭ.
- އެކްސިޑެންޓް ހިނގި ސަރަހައްދުގެ މަންޒަރު އެންމެ ފުރިހަމައަށް އަދި ސައްހަކޮށް ދައްކުވައިދިނުމަށް ގޫގުލް މެޕްސް އާއި ސެޓެލައިޓް އިމޭޖްތައް ސޮފްޓްވެއާއަށް އަޅައިގެން ޑައިގްރާމް ތައްޔާރުކުރުމުގެ ފުރުސަތު ވެސް މި ސޮފްޓްވެއާ އިން ލިބޭ.
ފުލުހުން ބުނީ މިއީ މަގުމަތީގެ އެކްސިޑެންޓް ތަހުގީގުކުރުމުގެ މަރުހަލާތައް ޒަމާނީކުރުމަށާއި ތަހުގީގީ ރިޕޯޓުތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ހެކި ޑޮކިއުމެންޓްކުރުން ވަރުގަދަކޮށް، އޮޕަރޭޝަނަލް ހިންގުން އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދޭ ފުލުހުންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ޒަމާނީ ޓެކްނޮލޮޖީ އާއި އާ ވަސީލަތްތައް ތައާރަފުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މި އަހަރުގެ މިހާތަނަށް 2،300 އަށް ވުރެ ގިނަ އެކްސިޑެންޓު ރިޕޯޓްކޮށްފައިވެ އެވެ.