އަންހެނުންގެ ބޭންކް އެކައުންޓުން އޭނާއަށް ނޭނގި، ވަގަށް ރުފިޔާ ނެގި މައްސަލައެއްގައި އޭނާގެ ފިރިމީހާ ޖަލަށް ލާން ތ. ތިމަރަފުށި މެޖިސްޓްރޭޓް ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކޮށްފި އެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ތިމަރަފުށި، ލުނބޯމާގެ، މުހައްމަދު މޫސާ އެ ރަށު ކަށިކެޔޮމާގޭ، ފާތިމަތު މިޒުނާގެ ބީއެމްއެލް އެކައުންޓުން އެކި ފަހަރު މަތިން ޖުމުލަ 8،150ރ. ވަގަށް ނަގާފައިވާތީ އެވެ.
އެ މައްސަލާގައި މުހައްމަދު މޫސާ ވަނީ ދައުވާއަށް އިއުތިރާފުވެ، އެ ފައިސާ ނަގާފައިވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށް ކޯޓުގައި ބުނެފަ އެވެ.
އަދަބާ ބެހޭގޮތުން ވާހަކަ ދައްކަމުން މިޒުނާގެ ފިރިމީހާ މުހައްމަދު މޫސާ ބުނީ، އޭނާއަކީ ބަލި މަންމައަކާއި ކުޑަކުއްޖަކު ބަލަހައްޓަމުންދާ މީހެއް ކަމަށާއި މިޒުނާ ވަޒީފާއަށް ދިއުމުން ދަރިފުޅު ބަލަނީ އޭނާ ކަމަށެވެ. ޖަލަށް ދާން ޖެހިއްޖެ ނަމަ އާއިލާއަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެތީ ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ކަނޑައަޅައިދިނުމަށް މުހައްމަދު މޫސާ ކޯޓުގައި އެދުނެވެ.
މި އަހަރުގެ ޖުލައި މަހު ހުށަހެޅި މައްސަލަ ބެލުމަށް ފަހު، ކޯޓުން ނިންމީ މުހައްމަދު މޫސާއަކީ ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރާ މީހަކަށް ނުވާތީ ސުޕްރީމް ކޯޓުގެ އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުން ޖޫރިމަނާއަށް އަދަބު ބަދަލުކުރުމުގެ ޝަރުތުތައް ފުރިހަމަނުވާ ކަމަށެވެ. އެހެންވެ، ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދެވެން ނެތް ކަމަށް ހުކުމްގައި ވެ އެވެ.
މުހައްމަދު މޫސާ ކުށަށް އިއުތިރާފު ވެފައިވާތީ އަދަބުގެ މިންވަރު ދަށްކޮށް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށް ފަހު، މިދިޔަ އާދިއްތަ ދުވަހު އެ ރަށު ކޯޓުން ހުކުމް ކޮށްފައި ވަނީ ހަތް މަހާއި ތިން ދުވަހުގެ މުއްދަތަށް މުހައްމަދު މޫސާ ޖަލަށް ލުމަށެވެ.