މަގުމަތީގައި ނުރައްކާތެރިކޮށް ބާރަށް ދުއްވާފައިވާ މައްސަލަތަކާ ގުޅިގެން ކުރިން ހުއްޓުވާފައިވާ ކަމަށް ފުލުހުންގެ ކުރީގެ ރިކޯޑުތަކުން ދައްކާ މީހުން، ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ނަސޭހަތްދޭން ފަށައިފި އެވެ. 

މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވުން ތަކުރާރު ކޮށްފައިވާ މީހުން ފުލުސް އޮފީހަށް ހާޒިރުކޮށް، ނަސޭހަތްދޭން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން އިއްޔެ ވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށް ނަސޭހަތްދީފަ އެވެ. އެއީ ފުލުސް އޮފީހަށް ހާޒިރުކޮށް، ނަސޭހަތްދިން ފުރަތަމަ މީހާ އެވެ. 

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާގެ ރެކޯޑުތަކުގެ ތެރޭގައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސްޓަންޓް ޖައްސަމުން ދުއްވުމާއި ޒިގްޒެގްކޮށް ބާރު ސްޕީޑުގައި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި މޮބައިލް ފޯނުން ވާހަކަ ދައްކަމުން ދުއްވުން ހިމެނެ އެވެ. އަދި އުޅަނދުގެ އަހަރީ ފީ ހަމަވެފައި އޮއްވައި ދުއްވުމާއި އެ މީހާގެ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވުން ވެސް ހިމެނޭ ކަމަށް ބުންޏެވެ. 

ފުލުހުން ބުނި ގޮތުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެފަދައިން ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ މީހުން ދެނެގަނެ، އެ މީހުން ފުލުސް އޮފީހަށް ހާޒިރުކޮށް، ނަސޭހަތްދިނުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ. 

މަގުމަތީގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވާ މީހުން ފުލުސް އޮފީހަށް ހާޒިރުކޮށް ނަސޭހަތް ދޭން ފަށާފައިވާއިރު، މި ފަހުން ސޯސަން މަގުގައި ނުރައްކާތެރިކޮށް ދުއްވި ސައިކަލަކުން ޖެހި ލިބުނު އަނިޔާތަކުގައި އުމުރުން 26 އަހަރުގެ އަންހެނަކު ވަނީ ނިޔާވެފަ އެވެ.

އެ ސައިކަލް ދުއްވި މީހާއަކީ ވެސް ލައިސަންސް ނެތި އަދި ޒިގްޒެގްކޮށް ސައިކަލު ދުއްވި މީހެކެވެ. އެ މައްސަލާގައި ސައިކަލު ދުއްވި މީހާ ހައްޔަރުކޮށް، އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.