ހަތަރު ރަށެއްގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަނުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާއަށް މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި އާންމުކޮށްފައި ވަނީ ހއ. ވަށަފަރާއި ނ. ކުޑަފަރި އަދި ވ. ތިނަދު އާއި ސ. ހުޅުދޫން ވޯޓުލެވޭ މީހުންގެ ލިސްޓެވެ.
އީސީން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން ވަށަފަރުން 688 އަށް މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު ކުޑަފަރިން ވޯޓުލުމުގެ ހައްގު ލިބެނީ 653 މީހަކަށެވެ. އަދި ތިނަދޫން 185 މީހަކަށް ވޯޓުލެވެ.
ހުޅުދޫން 2903 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
އީސީން ބުނީ އެ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އަންނަ މަހުގެ 28 ގައި ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ މައުލޫމާތު ވީއާރު އަދި އައިޑީކާޑު ނަމްބަރު ޖެހުމަށް ފަހު 1414 އަށް ފޮނުވައިގެން ބެލޭނެ ކަމަށް ކޮމިޝަނުން ބުންޏެެވެ. އަދި ގެޒެޓާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ވެސް ލިސްޓު ވަނީ އާންމުކޮށްފަ އެވެ.
އީސީން ބުނި ގޮތުގައި ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް އީސީގެ މައިޕޯޓަލް މެދުވެރިކޮށެވެ. އެ މުއްދަތުގައި ރަޖިސްޓްރީ ސައްހަކުރުމަށްޓަކާ ގެންނަން ޖެހޭ ބަދަލުތަކާ ނުވަތަ އުނި އިތުރުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެ ކަމަށް ވެސް އީސީން ބުންޏެވެެ.
އެ ކޮމިޝަނުން ބުނި ގޮތުގައި ރަޖިސްޓްރީއަށް މީހަކު އިތުރުކުރުން ނުވަތަ ރަޖިސްޓްރީން މީހަކު އުނިކުރުން ނުވަތަ ރަޖިސްޓްރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލު ގެނައުމަށް ހުށަހަޅާއިރު ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން ޖެހޭނެ އެވެ. ސިޔާސީ ޕާޓީތަކުން ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ނަމަ ޝަކުވާ ހުށަހަޅާނީ ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް އީސީން ބުންޏެވެ.