ރަސްމާލޭން 500 ހެކްޓަރަށް ވުރެ ބޮޑު ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމަށް ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމަކީ ގާނޫނުއަސާސީއާ ހިލާފު އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުން ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމައިފި އެވެ.
ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެއީ ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ އެވެ.
ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލަ ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބަޔާންކުރަނީ، ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ނިޒާމުން ބޭރުވެދާނެ ފަދަ މައްސަލަތަކާއި ގާނޫނުއަސާސީ މާނަކުރުމާ ގުޅޭގޮތުން ދައުލަތުގެ ދެ މުއައްސަސާއެއް ނުވަތަ ދެ ބާރެއްގެ ދެމެދުގައި އުފެދޭ ހިލާފުތަކުގެ އިތުރުން ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަތަކެވެ.
ރަޖިސްޓްރާގެ މި ނިންމުން ފަނޑިޔާރުންގެ މަޖިލީހަށް ރިވިއު ކުރަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.
މައްސަލަ ހުށަހަޅުއްވަމުން އަލީ ހުސެއިން ވިދާޅުވެފައިވަނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީން ދިވެހި ސަރުކާރުގެ ނަމުގައި އީގަލް ހިލްސްއާ އެކު ސޮއިކޮށްފައިވާ "ކޮމާޝަލް ޓާމްސް އެގްރީމެންޓް" ގެ ދުސްތޫރީ ސައްހަކަމާ މެދު ސުވާލު އުފައްދައި މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައަކީ އާންމު މަސްލަހަތު ހިމެނޭ ދުސްތޫރީ މައްސަލައެއް ކަމަށެވެ.
ސަރުކާރުން މި އެއްބަސްވުމުގެ ފުރިހަމަ ތަފްސީލު އާންމުކޮށްފައި ނުވި ނަމަވެސް، ދެ ފަރާތުން އާންމުކޮށްފައިވާ ބަޔާންތަކުން އެނގޭ ގޮތުގައި، ރަސްމާލޭން ހިއްކާފައިވާ ބިމުން 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް އެކުއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދެއްކުމަކާ ނުލައި 99 އަހަރަށް އީގަލް ހިލްސްއަށް ދިނުމަށް ނިންމާފައިވެ އެވެ.
އެ ބިމުގައި ތަރައްގީކުރާ ވަސީލަތްތަކާ ގުޅޭގޮތުން ތިންވަނަ ފަރާތްތަކަށް "ރޯލިންގް ލީސް އިންޓްރެސްޓް" (ދެމެހެއްޓެނިވި ގޮތެއްގައި ކުއްޔަށްދިނުމުގެ ހައްގު) އުފެއްދުމުގެ ބާރު ވެސް އެ ކުންފުންޏަށް ވަނީ ދީފައި ކަމަށް އަލީ ހުސައިންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ މައްސަލައިގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 250 ވަނަ މާއްދާގައި ދައުލަތުގެ މުދަލެއް ނުވަތަ ފައިސާއެއް އެކަކަށް ވެސް ދީ، ވިއްކައި، ކުއްޔަށްދީ، ނުވަތަ ދޫކޮށްލަން ވާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވިޔަސް 99 އަހަރަށް ބޭރުގެ ފަރާތަކަށް ދައުލަތުގެ ބިން ކުއްޔަށް ދިނުމުގެ ބާރު ސަރުކާރަށް ދޭ އެއްވެސް ގާނޫނީ އޮނިގަނޑެއް ނެތެވެ.
އޭގެ އިތުރުން، ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން ކުއްޔަށް ދިނުމުގައި އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، މި އެއްބަސްވުމުގެ ދަށުން ތިންވަނަ ފަރާތްތަކަށް ޖެހިޖެހިގެން ހައްގުތައް ދެވޭ ގޮތަށް އޮތުމުން، ވަކި ނިމޭނެ ތާރީހެއް ނެތި ދާއިމީ ގޮތެއްގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމުގެ ހައްގުތައް ލިބިގެންދާން މަގުފަހިވާ ކަމަށްވެސް މައްސަލައިގައި ބަޔާންކޮށްފައިވެ އެވެ.
އެހެންކަމުން، ގާނޫނުއަސާސީގެ 250 އަދި 251 ވަނަ މާއްދާއާ ސީދާ ހިލާފުވާތީ، މި އެއްބަސްވުމަކީ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުމެއް ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓުގައި ވަނީ އެދިފަ އެވެ.
މި މައްސަލައިގެ ތެރެއިން، ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެން އެއްބަސްވުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ވެސް އަލީ ހުސައިން އެދިވަޑައިގަތެވެ.
ވަގުތީ އަމުރަކަށް އެދިފައިވަނީ، ތިންވަނަ ފަރާތްތަކުގެ ހައްގުތައް އުފެދިގެން ދިޔަނުދިނުމަށާއި ކޯޓުގެ ހުކުމް ތަންފީޒުކުރުމަށް ހުރަސްއެޅި، ދައުލަތަށް އުފުލަންޖެހިދާނެ އިއާދަނުކުރެވޭނެ ބޮޑެތި ގެއްލުންތަކުން ދައުލަތް ރައްކާތެރިކުރުމުގެ މަގުސަދުގައި ކަމަށް ވަނީ ބުނެފަ އެވެ.
ރަސްމާލެ މަޝްރޫއުއަށް އިދިކޮޅުން ދެކޮޅު ހަދަމުންދާއިރު ސަރުކާރުން އަންދާޒާކުރާ ގޮތުގައި އީގަލް ހިލްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްކޮށް 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ އެވެ.
މި މަޝްރޫއުގެ ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާވާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ، ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓަކަށް ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް މީގެ ސަބަބުން ބޮޑު ހައްލެއް ލިބި، ރަސްމީ ރިޒާވް ވަރުގަދަ ކުރުމަށް މަރުކަޒީ ބޭންކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އަދި މި އެއްބަސްވުމުގައި އެސްއީޒެޑް ގާނޫނުގެ ދަށުން ނުވަތަ ޓޫރިޒަމް ގާނޫނުގެ ދަށުން ދޭ އެއްވެސް ޑިއުޓީ އިނާޔަތެއް ނުވަތަ ޓެކްސް ލުޔެއް ދީފައި ނުވާނެ ކަމަށާއި، މިއީ ދައުލަތަށް ލިބެންޖެހޭ ޓީޖީއެސްޓީ އާއި އެހެނިހެން ޓެކްސްތައް ފުރިހަމައަށް ލިބޭނެ ގޮތަށް ނިންމާފައިވާ މުހިންމު ނިންމުމެއް ކަމަށް ވެސް ބުންޏެވެ.