ޖަލުތައް ބަލަހައްޓަން އޮފިސަރުން ހޯދަން ކަރެކްޝަނަލް ސާވިސް އިން އިއުލާންކޮށްފި އެވެ.
އެ އިދާރާއިން ކުރި އިއުލާނުގައި ވަނީ ރާއްޖޭގައި ހުންނަ ހުރިހާ ޖަލުތަކުގައި މަސައްކަތް ކުރުމަށް "ޕްރިޒަން އޮފިސާ ޓްރޭނީން" ހޯދަން އިއުލާނުކޮށްފަ އެވެ.
އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް އޮތީ ހުޅުވާލައިފަ އެވެ. ކަމާގުޅުން ހުރި ލިޔުންތަކާއެކު https://my.corrections.gov.mv/jobsއަށް މެއިލްކޮށްދިނުމަށް ވަނީ އެދިފަ އެވެ.
އެ މަގާމުގެ މުސާރައަކީ 6،050ރ. އެވެ. އޭގެ އިތުރުން ހުވާ ކުރުމަށް ފަހު ސާވިސް މަގާމުގެ އެލަވަންސްގެ ގޮތުގައި 5555ރ. ލިބޭނެ އެވެ.
ވަޒީފާގެ ޝަރުތުތައް
- ދިވެހި ރައްޔިތަކަށް ވުން.
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- ގްރޭޑް 10 ނިންމާފައިވުން. ނުވަތަ،
- ދިވެހިރާއްޖޭގެ ނޭޝަނަލް ސާވިސް ޕްރޮގްރާމް ފުރިހަމަކޮށްފައިވުން.
- އުމުރުން 18 އަހަރު ފުރި 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން
- ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުން.
- ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.
އޭގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ މީހާގެ ހަށިހެޔޮކަން ދެނެގަތުމަށް ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވާނެ ވެސް ޖެހެ އެވެ. އަދި ވަޒީފާއަށް ކުރިމަތިލާ މީހާއަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަނާއި އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ވެސް ފާސްވާނެ ޖެހެ އެވެ.
އިއުލާނުގައި ބުނީ އިންޓަވިއުއަށް ގުޅާނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރާ މީހުންނަށް އެކަނި ކަމަށެވެ. ޝަރުތު ހަމަނުވާ މީހުންގެ ފޯމްތައް ބާތިލްވާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް އަބަދު ވެސް އޮފިސަރުން ހޯދަ އެވެ. އެންމެ ފަހުން ނެގި ބެޗުގެ ދަރިވަރުން ދަސްވެނިވެފައި ވަނީ މިދިޔަ ހަފުތާގަ އެވެ.