މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ހިލަބާސްތާއަކުން މީހެއްގެ ގައިގައި ނުޖެހި ހަނިގޮތަކަށް ސަލާމަތްވެއްޖެ އެވެ. 

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ޗާންދަނީ މަގުގައި ހަދަމުން އަންނަ އިމާރާތަކުން ހިލަ ބަސްތާ ވެއްޓުނީ މަގު މެދަށެވެ. 

ގަސްތަކުގައި ޖެހެމުން އެ ހިލަ ބާސްތާ ވެއްޓުނު ވަގުތު އެ މަގުގައި ސައިކަލްތައް ދުއްވަމުންދިޔަ އެވެ. ހިލަބާސްތާ ވެއްޓުނީ ސައިކަލެއް އެ ތަނުން ދިޔަތާ ހަތަރު ވަރަކަށް ސިކުންތު ފަހުންނެވެ. 

އަދި އެ ބާސްތާ ވެއްޓުނު ވަގުތު އެ މަގުން ދިޔަ އެހެން ސައިކަލެއް ކުއްލިއަކަށް މަޑުކުރާ މަންޒަރު ފެނެ އެވެ. އެމީހާގެ ގައިގައި ނުޖެހި ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ބައެއް މީހުން ލަފާކުރާ ގޮތުގައި މަގުމައްޗަށް ވެއްޓުނީ 50 ކިލޯގެ ހިލަ ބަސްތާއެކެވެ. 

ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ވީޑިއޯއާ ގުޅިގެން އެ އިމާރާތުގެ މަސައްކަތް ކުރާ ކުންފުންޏާ މެދު ފިޔަވަޅު އަޅަން ދަނީ ގޮވާލަމުންނެވެ. 

ކާރުބާރުބޮޑު މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރާއިރު ސަލާމަތީ ފިޔަވަޅު އެކަށީގެންވާ ގޮތެއްގައި ނާޅާ މައްސަލައަކީ އަބަދުވެސް ކަންބޮޑުވުން އޮންނަ ކަމެކެވެ. ސަލާމަތީ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ތަފާތު އެކި ހާދިސާތައް ވެސް ހިނގާފައި އެބަ ހުއްޓެވެ. 

އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ގޯންޏެއްގެ ދަށުވެ ކުޑަކުއްޖަކު މަރުވެފައި ވެސް ވެ އެވެ. އަދި އިމާރާތްތަކުގައި މަސައްކަތް ކުރާ މީހުން ވެއްޓިގެން ވެސް ބޮޑެތި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.