ޖިއާންގެ މަރުގެ މައްސަލަ އޮތީ ޑިއުޓީ ޕްރޮސެކިއުޝަންގައި

ސިމެންތި ބަސްތާއިން ޖެހިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުންދަނިކޮށް މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލަ މިހާރު އޮތީ ޑިއުޓީ ޕްރޮސެކިއުޝަންގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ހަދަމުންދާ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލަދޭޝަށް އުފަން ރައުޝަން، 7، މަރުވީ މިދިޔަ ޑިސެމްބަރު 17 ވަނަ ދުވަހެވެ. އެއާއެކު އެ މައްސަލަ ތަހުގީގުކުރުމަށް ފަހު އެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ލަފާ ހޯދަން މީގެ ދެ ހަފްތާ ކުރިން ވަނީ ފޮނުވައިފަ އެވެ.

ޑިއުޓީ ޕްރޮސެކިއުޝަން އަކީ މައްސަލަ ޕީޖީ އަށް ފޮނުވުމުގެ ކުރިން، އެ މައްސަލައަކާ މެދު ތަހުގީގީ އިދާރާ އާއި ޕީޖީ އޮފީހާ ދެމެދު މައުލޫމާތު ބަދަލުކޮށް، ލަފާ ދިނުމުގެ މަރުހަލާ އެވެ. އެހެން މައްސަލަތަކުގައި ވެސް ދައުވާކުރަން ފޮނުވުމުގެ ކުރިން، އެ މައްސަލަ އޮތީ ދައުވާކުރަން ތައްޔާރުވެފައިތޯ ބެލުމަށް ޕީޖީއަށް ފޮނުވަ އެވެ.

މ. ނަލަހިޔާ މަންޒިލްގައި ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން އިމާާރާތްކުރަމުން ދަނިކޮށް ސިމެންތި ބަސްތާއިން ޖެހި ޒަހަމްވި ރައުޝަން މަރުވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

މީހެއްގެ ޓްވީޓަކަށް ޖަވާބު ދެއްވަމުން އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޖިއާންގެ މައްސަލަ މީގެ ދެ ހަފުތާ ކުރިން ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. އޭނާ އެ މާނަކުރެއްވީ އެ މައްސަލަ އަށް ޕީޖީގެ ލަފާ ހޯދަން ފޮނުވި ވާހަކައަށެވެ.