މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑަށް ކުރިކަމަށާއި ނަމަވެސް އިގުތިސާދު ރަނގަޅު މިސްރާބަށް ގެންދަން މިހާރު އަލިމަގުތަކެއް ފެނިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ސަރުކާރުގެ މިނިސްޓަރުންނާ އެކު ބާއްވާ "އަހާ" ފޯރަމްގެ ނުވަ ވަނަ އެޕިސޯޑުގައި ޒަރީރު ވިދާޅުވީ މިސަރުކާރުގެ ދައުރު ފެށިފަހުން މިހާތަނަށް އައި އިރު 1.42 ބިލިއަން ޑޮލަރު ދައުލަތުގެ ދަރަނިތައް އަދާކުރަން ދައްކާފައިވާ ކަމަށާއި އެންމެ ބުރަ އަހަރަކީ މިއަހަރު ކަމަށެވެ. ދައުލަތުން ދައްކަން ޖެހޭ ލޯނުތަކަށް ބަލާއިރު މިހާރު ހޯދިފައިވާ ކާމިޔާބީއާ އެކު ކުރިއަށް އޮތްތަނުގައި ލުއިތަކެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ގޮންޖެހުންތަކެއް ހުރި އަހަރަކަށް ވީ ނަމަވެސް އަޅުގަނޑުމެންނަށް މިހާރު ރަނގަޅު މިސްރާބަކަށް އިގުތިސާދު ގެންދިއުމަށް ކުރަމުންދާ މަސައްކަތަށް އަލިމަގުތަކެއް ފެންނަން ފަށާފައި ވަނީ،" ޒަރީޒު ވިދާޅުވި އެވެ.
އެފަދަ އެއްކަމަކީ އޭނާ ވިދާޅުވި ގޮތުގައި ދާދިދަހުން ރާއްޖޭގެ ރޭޓިން އަށް އައި ބަދަލެވެ. ރާއްޖޭގެ ކްރެޑިޓް ރޭޓިން ކޮންމެވެސް ވަރަކަށް ރަނގަޅުވުމަކީ ދުނިޔޭގެ މާލީ އިދާރާތަކާއި އެހެން ގައުމުތަކުން ފާހަގަކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް އަލި ދުވަސްތަކެއް،" ޒަރީޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރު ފެށިއިރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުރީ ވަރަށް ރަނގަޅަށެވެ. އެކަމަކު މެދުއިރުމަތީގެ ހަނގުރާމަފެށުމާ އެކު ތެލުގެ އަގަށް އައި ބަދަލުގެ ސަބަބުން ސަބްސިޑީގެ ގޮތުގައި ކުރަން ޖެހުނު ހަރަދު ބޮޑުވި ކަމަށް ވެސް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަހަރު އަޅުގަނޑުމެން ފަށައިގަތީ ވަރަށް ރަނގަޅު އަހަރެއްގެ ގޮތުގައި. އިގުތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ އަހަރެއްގެ ގޮތުގައި. އެގޮތުން މިއަހަރުގެ ފުރަތަމަކުއާޓާ އަކީ ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ ކުއާޓާ އެއް،" ޒަރީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއަހަރު ސަބްސިޑީގެ ގޮތުގައި ހަރަދުކުރަން ސަރުކާރުން ބަޖެޓްކުރީ 2.9 ބިލިއަން ރުފިޔާ ކަމަށް ވިޔަސް އަހަރުގެ މިހާތަނަށް 4.3 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ހަަރަދުވެފައި ވެ އެވެ.