މާލޭގެ އަމީނީމަގުގައި މިހާރު މަރާމާތު ކުރަމުން އަންނަ ބައިގެ ތިންވަނަ ސެގްމެންޓުގައި ތާރު އަޅަން ފަށައިފި އެވެ. 

އެމްޓީސީސީން ބުނީ އަމީނީމަގުގެ ތިން ވަނަ ސެގްމަންޓު، އިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް މިއަދުގެ ނިޔަލަށް ނިންމާނެ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި ތާރު އަޅާ ނިމުމާ އެކު ދެން ކުރިއަށްދާނީ މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްތަކެވެ. 

މާލޭގެ މަގުތައް ތަރައްގީކުރެވުމުން މާލެ ތެރޭގައި ދަތުރުފަތުރުކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ތާރު އަޅައިގެން ހަދާފައިވާ އަމީނީމަގުގެ ބައެއް ސަރަހައްދުތަކުގައި ތާރުގަނޑު އުފުލި، އެ މަގުގައި ބޮޑެތި އަޑިގުޑަންތައް ހެދިފައި އޮތުމުން އެ ތާރުގަނޑު އެއްކޮށް ނަގައި، އެތަން އަލުން ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހު އެވެ. 

އަމީނީ މަގުގައި ތާރު އަޅަނީ.-- ފޮޓޯ: އެމްޓީސީސީ
އަމީނީ މަގުގައި ތާރު އަޅަނީ.-- ފޮޓޯ: އެމްޓީސީސީ

ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހިސާބަށް މަގުގެ މަރާމާތު ކުރުމަށްފަހު މިހާރު ވަނީ ހުޅުވާލާއިފަ އެވެ.  

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ ޖުލައި 2022 ގަ އެވެ. އަދި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއު، އެ ވެރިކަން ނިމުނުއިރު ފުރިހަމަނުވެ އޮތް ސަރަހައްދުގެ އެންމެ ފަހު ބައި ހަދައި ހުޅުވީ 2024 ވަނަ އަހަރުގަ އެވެ. 

މަގު ޒަމާނީ ފެންވަރަށް އަލުން ހެދުމުގެ މަސައްކަތް ފެށީ އެކި ހިސާބުތަކުން ތާރުގަނޑު މައްޗަށް އުފުލިފައި އޮތުމުން، ދުއްވާ މީހުންނަށް އޭގެ ނުރައްކާ ކުރިމަތިވެފައިވާތާ ދުވަސްތަކެއް ވެފައިވަނިކޮށެވެ.