ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން ގޮވާލި މައްސަލައެއްގައި އޭނާ މިއަދު ހައްޔަރުކޮށްފި އެވެ. 

އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ފުވައްމުލަކުގައި ހުއްޓާ އެވެ. 

 ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ޒިހާން ޖެހި ޕޯސްޓުގައި ވަނީ އެކަން ކުރަން ހިތްވަރުދީފަ އެވެ.

"[ރޯކޮށްލައިފިއްޔާ] މަޖާވާނެ،" އޭނާގެ ސްޓޭޓަސްގައިވެ އެވެ.

ނަމަވެސް، އެ ސްޓޭޓަސް ޖެހިތާ ގަޑިއިރެއް ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްފަ އެވެ.

އެމެރިކާގެ ނޭވަލް އެކެޑެމީން ކިޔަވައިގެން، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓަކަށް މަސައްކަތްކުރި ޒިހާން އެތަނުން ވަކިކުރީ މިދިޔަ ސަރުކާރުގެ ފަހުކޮޅު އެވެ. އޭރު އޭނާގެ ގާތް މީހުން ތުހުމަތުކުރި ގޮތުގައި ސިފައިންގެ އިން ވަކިކުރީ ސަރުކާރަށް ފާޑުކިޔާތީވެ އެވެ.

އޭގެ ފަހުން މި ސަރުކާރުން އޭނާ އަށް  ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދިނެވެ. އެކަމަކު ފަހުން މަގާމުން ވަކިކުރުމުން އޭނާ އައީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.