ރާއްޖޭގައި ގަވާއިދާ ހިލާފަށް އަދި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން، ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

އެ މައްސަލާގައި ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އާއި ބަންގްލަދޭޝްގެ މުހައްމަދު ރަސެލް މިއާ އެވެ. 

އެ މީހުންގެ ބަންދު ވެސް އިތުރުކޮށްފައިވާއިރު، ފުލުހުން ބުނީ އެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.  

ފުލުހުން ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު، އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރެވޭނެ ކަމަށެވެ. ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރަކީ 9388733 އެވެ.

އެ ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބާ އާއި ވަޓްސްއެޕް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް މައުލޫމާތު ހިއްސާކުރެއްވޭނެ ކަމަށް ބުންޏެވެ. 

ފުލުހުން ވަނީ އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ. 

މިފަހުން ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތަށް ބަންގްލަދޭޝްގެ ގިނަ ބަޔަކު ވެސް ހައްޔަރުކޮށްފަ އެވެ. 

ރާއްޖޭގައި ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތާށިކަމާ އެކު ބޮޑު އަގުގައި، ގަވާއިދާ ހިލާފަށް ޑޮލަރު ވިއްކުން ހުއްޓުވަން މަރުކަޒީ ބޭންކާއި ތަންފީޒީ އިދާރާތައް ގުޅިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. 

ގަވައިދާ ހިލާފަށް ބޭރުފައިސާގެ ވިޔަފާރިކުރާ މީހުން ހޯދަން ފަށާފައިވާ މަސައްކަތުގައި ބައެއް ތަންތަން ފާސްކޮށް އެތައް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ގިނަ އަދަދެއްގެ ފައިސާ ވެސް ވަނީ ހިފަހައްޓައިފަ އެވެ. އެފަދަ މުއާމަލާތްތައް ހުއްޓުވަން ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ބޭރުފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ވަނީ ގެނެސްފަ އެވެ. 

ބޭރު ފައިސާގެ ވަގު ވިޔަފާރި އާއި ބޭރު ފައިސާ ސިއްރުން ބޭރުކުރަން އުޅުމުގެ މައްސަލަތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް އަތުލައިގެންފައިވެ އެވެ.